ކުޅިވަރު

އިއްޔެގެ މެޗުތައް ބީއެމްއެލް، އިމިގްރޭޝަން، އެމްޕީއެލް އަދި ފެން ކުލަބަށް


މިހާރު ކުރިއަށްދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި އިއްޔެވެސްވަނީ ހަތަރު މެޗު ކުޅެފައެވެ.

އެގޮތުން އިއްޔެގެ ފުރަތަމަ މެޗުގައި ވާދަކޮށްފަވަނީ ބީއެމްއެލް އަދި އެމްއޭސީއެލްއެވެ. މިމެޗު 50 ޕޮއިންޓުން ކާމިޔާބުކޮށްފަވަނީ ބީއެމްއެލްއިންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ އެޓީމުގެ ޒީނާ އަހުމަދުއެވެ.

ދެވަނަ މެޗުގައި މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމް ބައްދަލުކޮށްފަވާއިރު 27-03 އިން ފަސޭހަކަމާއެކު މޯލްޑިވްސް އިމިގްރޭޝަންއިން ވަނީ މެޗު ނަގާފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ފާތިމަތު ރިޝްމާއެވެ.

މިމުބާރާތުގައި އިއްޔެ ކުޅުނު ތިންވަނަ މެޗުގައި އެމްޕީއެލް އަދި ޓްރޭޑް ކުލަބު ވާދަކޮށްފަވާއިރު އެމްޕީއެލްއިންވަނީ ފަސޭހަކަމާއެކު ބޮޑު ފަރަގަކުން މިމެޗު ކާމިޔާބުކޮށްފައެވެ. މިމެޗު އެޓީމުން ކާމިޔާބުކުރީ 50-03 އިން ފަސޭހަކަމާއެކުއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ އާއިޝަތު ސަލީމާއެވެ.

އިއްޔެގެ ހަތަރު ވަނަ މެޗުވެސް ފެނުނީ ފަސޭހަ މެޗެއްގެ ގޮތުގައެވެ. ފެން ކުލަބުން 40-03 ގެ ބޮޑު ތަފާތަކުން ޓީމް ބަދަހި ބަލިކުރި، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރްޔަމް އިޝްފާ ޢަބްދުލްއަލީމްއެވެ.

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި 21 އަންހެންޓީމާއި 4 ފިރިހެން ޓީމު އަންނަނީ ވާދަކުރަމުންނެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި 16 އަދި 17 ގައި ކުއާޓާ މެޗުތައް ކުޅުމަށްފަހު ސެމީ ތާވަލުކޮށްފަވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. މިމުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 20 ގެ ނިޔަލަށް އައުޓްޑޯ ނެޓްބޯޅަ ކޯޓުގައެވެ.