ޚަބަރު

ޖުވާކުޅުން: ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިން ނަޖިސްކަމެއް


  • އިސްލާމްދީނުގައި ޖުވާ ވަނީ ހަރާމްކޮށްފައި

  • މިއީ އިޖްތިމާޢީ އެތައް މައްސަލަތަކަކަށް ހުށަހެޅިގެންދާކަމެއް

ޑިޖިޓަލް ވަސީލަތްތަކުގައި ފައިސާ ހޯދުމަށް ނުވަތަ ގެއްލުމަށް މަގުފަހިވާ އެކި ބާވަތުގެ ކުޅިވަރުތައް ފަހަކަށް އައިސް ވަނީ އާންމުވެފައެވެ. މިފަދަ ކުޅިވަރުތަކުގެ ތެރޭގައި ބެޓިންގ އެޕްތަކުގެ ނަމުގައި ތައާރަފުކޮށްފައިވާ ސުވާލު އަދި ލަފާކުރުމުގެ ކުޅިވަރުތަކާއި މޮޅު ނަތީޖާ ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ދޭ މޯބައިލް ގޭމްތައް ހިމެނެއެވެ. މީގެ އިތުރުން ވާރޗުއަލް ފައިސާ ބޭނުންކޮށްގެން ކުޅެ އެ ފައިސާ ހަޤީޤީ ފައިސާއަށް ބަދަލުކުރެވޭ ކެސިނޯ ކުޅިވަރުތައް ވެސް މިހާރު ވަނީ އާންމުވެފައެވެ.

އެކި ބާވަތުގެ ކުޅިވަރުތަކަށް ބަލާއިރު ބައެއް ކުޅިވަރުތަކުގައި ހުނަރު މުހިންމު ކަމުގައި ވިޔަސް ގިނަ ކުޅިވަރުތަކުގައި ކާމިޔާބު ލިބެނީ ޗާންސްގެ މައްޗަށް ބިނާކޮށެވެ. މިކަމަށް ވިސްނާލުމުން މިފަދަ ކުޅިވަރުތަކަކީ ޙަޤީޤަތުގައި ޖުވާއާ އެއްފަދަ ކަމެއްކަން ސާފުވެއެވެ. އިސްލާމްދީނުގައި ޖުވާއާ ގުޅޭގޮތުން ވަރަށް ތަފްޞީލީ އަދި ސާފު އުޞޫލުތަކެއް ކަނޑައެޅިފައިވެއެވެ. ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަ ބަހުން ޖުވާއަކީ ހަރާމް އެއްޗެއްކަމާއި ޖުވާއާއި ދުރުވުމަށް އަންގަވާފައިވެއެވެ.

އިސްލާމްދީނުގައި ޖުވާ ޙަރާމްކުރައްވާފައިވަނީ އޭގެ ނޭދެވޭ އަސަރުތަކަށް ރިޢާޔަތްކޮށެވެ. މިގޮތުން މީހާގެ ހިތުގައި ނުރަނގަޅު އުންމީދުތަކެއް އުފެދި އިތުރަށް ކުޅެން ބޭނުންވެ ދަހިވެތި ނަފްސާނީ ބައްޔެއް ޖެހެއެވެ. މީގެ ސަބަބުން މުޖުތަމަޢުގެ ފޭރާން ފޫގޮސް މީހާގެ މުދަލާއި ފައިސާ ގެއްލި އާއިލާތައް ރޫޅިގެން ހިނގައިދެއެވެ. ޖުވާގެ ސަބަބުން މީހާ ނަމާދު ފަދަ އަޅުކަންތަކަށް ފަރުވާކުޑަވެ އިޖުތިމާޢީ އަދި އަޚްލާޤީ ޒިންމާތަކުން ދުރުވެގެންދެއެވެ. އަދި ޙަލާލު މަގުން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ އިސްލާމީ އަސާސް ގެއްލި މުޖުތަމަޢުގެ އިޤްތިޞާދީ ބިންގާ ބަލިކަށިވެގެންދެއެވެ.

ދިވެހިރާއްޖެ އަދި އެހެނިހެން އިސްލާމީ ޤައުމުތަކުގެ ދީނީ އިލްމުވެރިންވެސް ވަނީ ފައިސާ ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކުގެ ނުބައިކަމާއި ނުރައްކާތެރިކަމާމެދު އެކި ފަތުވާ ދެއްވާފައެވެ. އިލްމުވެރިން ފާހަގަކުރައްވާ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ޒުވާން ޖީލުގެ މެދުގައި ޖުވާ ކުޅުމުގެ އާދަ އަށަގަތުމާއި މިފަދަ ކަންކަމަށް ދެވިހިފުމުގެ ސަބަބުން އަޚްލާޤީ އަދި ރޫޙާނީ ގޮތުން މުޖުތަމަޢު ހަލާކުވެގެން ދިއުން ހިމެނެއެވެ. އަދި މުނިފޫހިފިލުވުމުގެ ނަމުގައި ޖުވާގެ ޢަމަލުތައް ފޮރުވައިގެން ކުރިއަށްގެންދިއުމާއި އިސްލާމްދީނުގެ މާތް އަގުތަކަށް ފުރައްސާރަކުރުން ފަދަ ކަންކަންވެސް ދަންނަ ބޭކަލުން ފާހަގަކުރައްވައެވެ.

ޖުވާ ކުޅުމުގެ ނުބައިކަމާއި އެއިން ލިބޭ ގެއްލުމާ ގުޅޭގޮތުން ދީނީ ޢިލްމުވެރިޔާ ޝައިޚު އަޙްމަދު މައުމޫން ވަނީ ކީރިތި ޤުރުއާނަށް ރިއާޔަތްކޮށް ޖުވާ ކުޅުމަކީ ޙަރާމްކެއްކަން ފާހަގަކުރައްވާ އެއީ ޝައިޠާނާގެ ޢަމަލެއްކަމަށް ވިދާޅުވެފައެވެ. ޝައިތާނާގެ މަޤްޞަދަކަށް ވާނީ މުސްލިމެއްގެ ގޮތުގައި ހުންނަ މީހާގެ އަޤީދާއިން އެމީހާ އެއްކައިރި ކުރުންކަމަށާއި ޝައިޠާނާގެ މަގަށް ތަބާވާ މީހެއްކަމަށް ހެދުންކަމަށެވެ. މުސްލިމުގެ ގޮތުގައި ތިބެ ޝައިޠާނާ ދައްކާ މަގުން ގޮސްގެން ނުވާނެކަމަށާއި ދީނުގައި ކަމެއް ހަރާމްކޮށްފައި އޮތްއިރު ހަނި ދޭތެރެތަކުން އެ ހުއްދަވާނެ ގޮތަކީ ކޮބައިކަން ހޯދަން މަސައްކަތް ކޮށްގެން ނުވާނެކަމަށް ވިދާޅުވިއެވެ.

"ޒަމާނަށް އަންނަ ބަދަލާއެކު އަޅުގަނޑުމެންގެ ތެރެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. މިހާރު މި ފެންނަނީ ޕްރިންޓްކޮށްފައިވާ ނޫޓްތަކެއް ނޫން. މިހާރު މި ގެންގުޅެނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ޑިޖިޓަލް ކަރަންސީގައި މުޢާމަލާތް މި ކުރަނީ. ވިސްނަން ޖެހޭ ކަމަކީ އިސްލާމީ ޝަރީޢަތަކީ ހުރިހަ ޒަމާނަކަށް ފެތޭ ގޮތަށް އައިސްފައި އޮތް ޝަރީޢަތެއް. ޖުވާގެ މުޢަމަލާތުގެ ތެރެއަށް ދިޔުމުން ޙަލާލުގޮތުގައި ހޯދާފައިވާ ފައިސާ އޭގެ ތެރެއަށް އިންވެސްޓް ކުރުމުގެ ނަމުގައި އެބަ ދެވޭ. މީގެ ސަބަބުން މިހާ ދަރަނިވެރިވެ، ނަފްސާނީ ގޮތުން އަަސަރު އެބަކުރޭ، ފުރާނައަށް ނުރައްކާވާފަދަ ކަންކަން ވެސް ވެފައި އެބަހުރި" ޝައިޚު އަޙްމަދު މައުމޫން ވިދާޅުވިއެވެ.

ޝައިޚް މައުމޫން ވިދާޅުވީ ޖުވާކުޅުން ފަދަ ޙަރާމް ގޮތުގައި ހޯދާ ފައިސާއިން ކުރާ އެއްވެސް ކަމެއްގައި މާތް ﷲ ބަރަކާތް ނުލައްވާނެކަމަށެވެ. އަދި ޙަރާމް ގޮތުގައި ހޯދާ އެއްޗަކުން އަނބިދަރިންނަށް ކާން ދޭން އެއްޗަކީ ނަރަކައިގެ އަލިފާން ކާންދިނުން ފަދަކަމެއްކަން ޝައިޚް ފާހަގަކުރެއްވިއެވެ.

ޝެއިޚް ވަނީ ޖުވާ ކުޅުން ފަދަ ކަންކަމުން ދުނިޔަވީ އުފާތައް ލިބުނުނަމަވެސް އޭގެ ބަދަލުގައި އާޚިރާތުގައި ވާނެ ގޮތާ މެދު ވިސްނާލުމަށް ނަޞޭހަތްތެރިވެފައެވެ. އަދި މިހާރުވެސް އެފަދަ ޢަމަލުތައް ކުރަމުން އަންނަ މީހުން އެކަން ހުއްޓާލުމަށްފަހު ތަޢުބާވުމަށް ޝެއިޚު އިލްތިމާސްކުރެއްވިއެވެ.

"ހުއްދަ ނޫން ކަމަކުން ހޯދާފައިވާ ފައިސާއިން ހަލާލު މަސައްކަތެއް ކުރިނަމަވެސް އެކަމުގައި މާތް ﷲ ބަރަކާތެއް ނުލައްވާނެ. ކުރާ މަސައްކަތުގައި ކުރާ އިންވެސްޓްގައި ބަރަކާތެއް ނުލައްވާނެ. އެ ފައިސާ ނުވަތަ މުދާ، ތަނަވަސްކަން ބީވެގެންދާން ނަގާނީ ހިނދުކޮޅެއް. މުދަލުގެ މިލްކުވެރި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ." ޝައިޚު އަޙްމަދު މައުމޫން ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު އިސްލާމް ދީނުގައި ނަޙީކުރައްވާފައިވާ މިފަދަ ޢަމަލުތަކުން ދުރުވާންޖެހެއެވެ.

މިފަދަ ނޭދެވޭ ޢަމަލު ތަކުން ދުރުވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގައި ޖުވާ ކުޅެވޭ ގޮތަށް ހުންނަ ވެބްސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ފައްޓަވާފައެވެ. ނަމަވެސް ދުވަހަކަށްފަހު ދުވަހެއް ޖުވާ ކުޅޭ މޯބައިލް އެޕްލިކޭޝަންތަކާއި ވެބްސައިޓުތައް އަންނަނީ ގިނަވަމުންނެވެ. އެހެންކަމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޖުވާ ކުޅުމަކީ ޖިނާޢީ ކުށެއްގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ މިހާރު ހުށަހަޅުއްވާފައެެވެ.