ރައްޔިތުންގެ އެދުނުގޮތަށް، ހުޅުމާލޭގައި މަގުތަކުގައި ހަރުކުރި މެޓަލް ސްޕީޑް ބްރޭކަރުތައް ނަގައިފިއެވެ.
ހުޅުމާލޭގެ މަގުތަކުގައި މެޓަލް ސްޕީޑް ބްރޭކަރު ހަރުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މެޓަލް ސްޕީޑް ބްރޭކަރުތައް ހަރުކުރަން އޭރު އެޗްޑީސީން ނިންމާފަވަނީ، ޤަވާއިދަށްވުރެ ބާރަށް އުޅަނދުތައް ދުއްވައި، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމާއި ގުޅިގެން، ހުޅުމާލޭގެ މަގުތަކާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގައިވެސް މެޓަލް ސްޕީޑް ބްރޭކަރުތައް ހަރުކޮށްފައިވެއެވެ.
އުސްކޮށް ވަރަށް ހަނިކޮށް ހުންނަ މި ސްޕީޑް ބްރޭކަރުތަކުގެ މަތިން ވެހިކަލް ދުއްވާއިރު، ވަރަށް ދަތިވާކަމަށް ގިނަ ބަޔަކު ޝަކުވާތައް ކުރަމުންދިޔައެވެ. ސޯޝަލް މީޑިއާގައިވެސް އަދި ބައެއް ބައްދަލުވުންތަކުގައިވެސް މިކަމުގެ ޝަކުވާ ހުށައަޅަމުން އައިސްފައިވެއެވެ.
އާއްމުންގެ ޝަކުވާތަކަށް ބަލާ އަދި މަގުތަކުގެ ރައްކާތެރިކަމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކާއެކު، މިހާރު މިވަނީ ހުޅުމާލެ މަގުތަކުގައި ހުރި މެޓަލް ސްޕީޑް ބްރޭކަރުތައް ނަގާފައެވެ.
ޓްރެފިކް ބަލަހެއްޓުމަށް ހުޅުމާލޭގެ ދެ ސަރަޙައްދުގައި މިހާރުވެސް ޓްރެފިކް ލައިޓް ވަނީ ބަހައްޓާފައެވެ. އަދި ބައެއް ބޮޑެތި މަގުތަކުގައި ހަތަރުއަނގޮޅި ތަކުގައި ޓްރެފިކަލް ލުއިކޮށްދިނުމުގެ ގޮތުން ބުރުތައްވެސް ދަނީ ހަދަމުންނެވެ.
މާލެ ސަރަޙައްދުގައި މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުންވެސް ގިނަ އިންތިޒާމްތަކެއް ދަނީ ހަމަޖައްސަމުންނެވެ. ގިނަ ސަރަޙައްދުތަކުގައި އަބަދުވެސް ފުލުހުން ޤާއިމުވެ ތިބެ ބެލެހެއްޓުމާއި، މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ އިތުރަށް، ތާފާތު ޓްރެފިކް އޮޕަރޭޝަންތައް ކުރިއަށްގެންދިއުންވެސް ހިމެނެއެވެ.
އަދި މަގުތައް ބޭނުންކުރުމާއި ޓްރެފިކް ޤަވާއިދުތަކަށް އަޙުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.