ކުޅިވަރު

އިންޓަ އޮފީސް ނެޓުބޯޅަ މުބާރާތް: އިއްޔެވެސް ފޯރި ގަދަ މެޗުތަކެއް


މިހާރު ކުރިއަށްދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި އަންހެން ޑިވިޝަނުގެ ވާދަވެރި ހަތަރު މެޗު އިއްޔެވެސްވަނީ ކުޅެފައެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ކްލަބު އެޗްޑީސީ އާއި ސީބީއެމް ބައްދަލުކޮށް 31-14 އިން މެޗު ކާމިޔާބުކުރީ ސީބީއެމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީބީއެމްގެ ހަމްނާ ޢަބްދުއްރަޙްމާންއެވެ. ދެވަނަ މެޗުގައި 11 ޕޮއިންޓުގެ ފަރަގަކުން ޓީއާރްސީން ވަނީ ޕެންޝަން ކުލަބު ބަލިކޮށްފައެވެ. 31-20 އިން ޓީއާރްސީ ކާމިޔާބުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ އެޓީމުގެ ޝިމާނާ އަހުމަދުއެވެ.

އިއްޔެ ކުޅުނު ތިންވަނަ މެޗަކީ ވަރަށް ވާދަވެރިކޮށް ގާތްގާތުގައި ސްކޯރ ކުރަމުން ދިޔަ މެޗެކެވެ. އެސްޓީއޯ އާރްސީ އާއި ބިނާރާ ވާދަކުރި މިމެޗު އެސްޓީއޯ އާރްސީ ކާމިޔާބުކުރީ 3 ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 17-14 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެސްޓީއޯ އާރްސީގެ މަލްދާ ނަސީމްއެވެ.

ހަތަރު ވަނަ މެޗު ފެނުނީ ފަސޭހަ މެޗެއްގެ ގޮތުގައެވެ. ކުލަބު އާސަންދަ އާއި ރޯޑް ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެޗު ރޯޑް ރެކްރިއޭޝަން ކުލަބުން ކާމިޔާބުކުރީ 29-08 ގެ ބޮޑު ފަރަގަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރްއާރްސީގެ ޖުނައިނާ އަހުމަދު އިސްހާގުއެވެ.

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި 21 އަންހެންޓީމާއި 4 ފިރިހެން ޓީމު އަންނަނީ ވާދަކުރަމުންނެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި 16 އާއި 17 ވަނަ ދުވަހު ކުއާޓާ މެޗުތައް ކުޅުމަށްފަހު ސެމީ ފައިނަލް މެޗުތައް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. އަދި މިމުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 20 ގެ ނިޔަލަށް އައުޓްޑޯ ނެޓްބޯޅަ ކޯޓުގައެވެ.