ޚަބަރު

ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މީހުންނަށް މިދިޔަ މަހު 4.9 މިލިޔަން ރުފިޔާ!


  • އެކަނި ދަރިން ބަލަހައްޓާ 2895 މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދީފައިވޭ

  • މިއެހީ ހޯދުމަށް އެދި 48 މީހަކު އަލަށް ރަޖިސްޓްރީކޮށްފައިވޭ

ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މިދިޔަ ނޮވެމްބަރު މަހު 4.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ 2895 މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދީފައިވެއެވެ. އަދި މިއެހީ ހޯދުމަށް އެދި 48 މީހަކު އަލަށް ރަޖިސްޓްރީކޮށްފައިވާއިރު 96 ކުޑަކުދިންނަށް މިއެހީ ހޯދުމަށް އެދި އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 4940 ކުއްޖަކަށް މާލީ އެހީ މިިދޔަ މަހު ވަނީ ދޫކޮށްފައެވެ. އެއީ ޖުމުލަ 4،941،000 ރުފިޔާއެވެ.


ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ބެލެނިވެރިންނަށްވެސް ހުސްވި މަހު ވަނީ 186،000 ރުފިޔާ ދޫކޮށްފައެވެ. އެންސްޕާއިން ހާމަކުރައްވާފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހެއްގެ ދަރިން ބަލަހައްޓާ 100 ބެލެނިވެރިއަކަށް މާލީ އެހީ ލިބެއެވެ. އެއީ 136 ކުޑަކަކުދިން ބަލަހައްޓާ ބެލެނިވެރިންނެވެ.

މީގެއިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ 713 ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މިދިޔަ މަހު ވަނީ 26،240 ރުފިޔާ ޚަރަދުކޮށްފައެވެ. މިިދިޔަ މަހު ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށްއެހީ ހޯދުމަށް އަލަށް 9 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ.

އެންސްޕާއިން އަންނަނީ އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެއެވެ.