ޚަބަރު

ޗިލީގެ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދެވީ ކަނާތު ފިޔައިގެ ހޯސޭ އެންތޯނިޔޯ ކާސްތު


ދެކުނު އެމެރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ ޗިލީގައި ޑިސެންބަރު 14ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހޯސޭ އެންތޯނިޔޯ ކާސްތު ކުރި ހޯއްދަވައިފިއެވެ. ޗިލީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާސްތު ވާދަ ކުރައްވާފައި ވަނީ، ސަރުކާރު ކެނޑިޑޭޓު ޔެނެތު ޚާރާއާއެވެ. ޚާރާގެ މައްޗަށް ކާސްތު ކުރި ހޯއްދަވާފައި ވަނީ، ވޯޓުލުމުގައި ބައިވެރިވި މީހުންގެ ތެރެއިން %58 މީހުންގެ ތާޢީދާ އެކުގައެވެ.

ކާސްތަކީ ކަނާތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. އިންތިޚާބުގައި އޭނާއާ ވާދަކުރެއްވި، ވައަތު ފިޔައިގެ ސިޔާސަތުތަކަށް ވަކާލާތު ކުރައްވާ ޚާރާއަށް އިންތިޚާބުގައި ލިބިވަޑައިގަންނަވާފައި ވަނީ %42 މީހުންގެ ތާޢީދެވެ. އިންތިޚާބުގައި ކާސްތު ހޯއްދެވި ކާމިޔާބީއަކީ، ޗިލީގެ އަސްކަރިންޔާއިން ހިންގި ޚުދުމުޚްތާރު ވެރިކަން 1990ވަނަ ނިމުމަކަށް ގެނައި ފަހުން، އެ ޤައުމުގެ ސިޔާސީ މައިދާނުގައި ކަނާތު ފިޔައިގެ ސިޔާސަތުތަކަށް ވަކާލާތު ކުރާ ފަރާތްތަކަށް ކާމިޔާބީ ލިބުނު ފުރަތަމަ ފަހަރެވެ.

އިންތިޚާބުގެ ކެމްޕޭނުގައި ކާސްތު ވަނީ ކުށްކުރާ މީހުންނާއި ގުރޫޕުތައް ހުއްޓުވައި، ބޭރު ޤައުމުތަކުގެ މީހުން ޗިލީއަށް ހިޖުރަ ކުރުމަށް ހުރަސް އެޅުމަށް ވަޢުދުވެ ވަޑައިގަންނަވާފައެވެ. އޭނާ ސިފަ ކުރައްވާ ގޮތުގައި، ކުށްކުރާ މީހުންނާއި ގުރޫޕުތައް ހުއްޓުވޭނީ އަސްކަރިއްޔާއިން ބާރުގެ ބޭނުން ކޮށްގެންނެވެ. އަދި، ނުޤަވާޢިދުން ޗިލީއަށް އެތެރެވާ މީހުން ހުއްޓުވުމަށް، އެ ޤައުމުގެ ސަރަޙައްދީ ރޮނގުގައި ފާރުތައް ބިނާ ކުރަން ޖެހޭނެއެވެ. އަދި، ނުޤަވާޢިދުން އެތެރެވާ މީހުން ހޯދައި، އެ މީހުންގެ އަމިއްލަ ވަޒަނަށް އަނބުރައި ފޮނުވައިލަން ޖެހޭނެއެވެ.

"ސަލާމަތާއި ރައްކާތެރިކަން ނެތް ތަނެއްގައި ސުލްޙައެއް ނޯންނާނެ. އަދި، ސުލްޙަ ނެތް ތަނެއްގައި ޑިމޮކުރަސީއެއް ނޯންނާނެ، އަދި އެއްވެސް މިނިވަން ކަމެއް ނޯންނާނެ، ޗިލީއަކީ ކުށް މަދު، ނުތަނަވަސް ކަމާއި ބިރުވެރިކަން ނެތް ޤައުމަކަށް އަލުން ރުޖޫއަ ކުރެވޭނެ،" ވެރިރަށް ސަންތިއާގޯގައި އޭނާއަށް ތާޢީދު ކުރާ މީހުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ކާސްތު ވިދާޅުވިއެވެ.