ޚަބަރު

ޕީއެސްއައިޕީއަށް ކުރިހޭދަ 7.2 ބިލިޔަން ރުފިޔާއަށް!


  • ދަތުރުފަތުރުގެ ދާއިރާއަށް 4.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

  • 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިިވަނީ އެއާޕޯޓުތައް ތަރައްޤީކުރުމަށް

މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީ ޕްރޮގްރާމަށް 7.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ޚަރަދުކޮށްފައިވަނީ، އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކަށެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކެވެ. ކޮންމެ އަހަރަކުވެސް އެމަޝްރޫޢުތައް ހިންގުމަށް އެތައް ބިލިޔަން ރުފިޔާ ހޭދަ ކުރެއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7.2 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ކުރި 10.2 ބިިލިޔަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތަ ދަށް އަދަދެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން މި ދާއިރާއަށް މުޅި ޖުމްލަ 4.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިިވަނީ އެއަރޕޯޓުތައް ތަރައްޤީ ކުރުމަށެވެ.

ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ ދާއިރާތައް:

• ބިން ހިއްކުމަށް – 671 މިލިޔަން ރުފިޔާ
• ތިމާވެށި ޙިމާޔަތްކުރުން - 608 މިލިޔަން ރުފިޔާ
• ޞިއްޙީ ދާއިރާ - 432 މިލިޔަން ރުފިޔާ
• ފެނާއި ނަރުދަމާ - 313 މިލިޔަން ރުފިޔާ
• ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް - 183 މިލިޔަން ރުފިޔާ
• މަސްވެރިކަމާއި ދަނޑުވެރިކަން - 180 މިލިޔަން ރުފިޔާ
• އިޖްތިމާޢީ އަދި ދީނީ މަޝްރޫޢުތައް - 171 މިލިޔަން ރުފިޔާ

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހިމަނާފައިވަނީ، 12.4 ބިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ، މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

ސަރުކާރުން ވަނީ، ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި މި އަހަރުން ފެށިގެން ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް، އެ ފަންޑުގެ އެހީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.