ކުޅިވަރު

ބޭރުގެ އެހީއާއިއެކު ފުވައްމުލަކުގައި ކުރިކެޓް ޓާފެއް ތަރައްޤީކުރުމަށްދަނީ މަސައްކަތް ކުރަމުން


  • ފުވައްމުލަކަކީ މިވަގުތު ނެޗުރަލް ޓާފެއް އެޅުމަށް އެންމެ އެކަށީގެންވާ ސިޓީ

  • ސިންތެޓިކް ޓުރެކުގައި ފަތިރަކުރާއިރު ބޯޅައިގު މޫވްމަންޓްސް އަދި ބައުންސަށް ބަދަލު އާދޭ

  • މި ޓްރެކް އެޅިއްޖެނަމަ ބައިނަލްއަޤްވާމީ މުބާރާތްތައްވެސް ރާއްޖެއަށް ގެނެވޭނެ

ކުރިކެޓު ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ނެޗުރަލް ޓާފެއް ނެތުންކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ބޭރުގެ އެހީއާއި އެކު މަސައްކަތްކުރަމުން އަންނަކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަހުމަދު ހުސައިން (ދޮނާ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އަހުމަދު ވިދާޅުވީ އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ކުރިކެޓަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނީ ފެންވަރުގެ ވަޞީލަތްތައް ލިބެން ނެތުންކަމަށެވެ. އެގޮތުން އެތުލީޓުންގެ ފަރިތަކުރުންތައް ސިންތެޓިކް ޓާފެއްގައި ކުރަންޖެހުމަކީ ދިމާވާ ދަތިކަމެއްކަމަށާއި ބޭރުގެ މުބާރާތްތަކަށް ދިއުމުގެ ކުރިން އެހެން ގައުމެއްގައި ކޭމްޕްކޮށް ނެޗުރަލް ޓާފްގެ ތަޖުރިބާ ހޯދަންޖެހުމަކީ ކުޅުންތެރިންނަށް ދިމާވާ ދައްޗެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޕިޗަކީ އަޅުގަނޑުމެންގެ އާންމުކޮށް އެންމެ ބޮޑު އެއް އިޝޫ. ވާގޮތަކީ މިތާ މިކުޅެނީ އެސްޓްރޯ ޓާފުގައި (ސިންތެޓިކް). ކުޅެފަ ގޮސްފަ މުބާރާތްތަކުގައި ކުޅެން މިޖެހެނީ ނެޗުރަލް ޓާފެއްގަ. އެސްޓްރޯ ޓާފާއި ނެޗުރަލް ޓާފުގަ ބޯޅައިގެ މޫވްމެންޓްސްއާއި ބައުންސާއި ވަރަށް ތަފާތުވާނެ" އަޙުމަދު ހާމަކުރެއްވިއެވެ.

ނެޗުރަލް ޓާފެއް ނެތި ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، ބޯޅައިގެ މޫވްމެންޓުތަކާއި ބައުންސަށް ވަރަށް ބޮޑު ތަފާތެއް އަންނާނެކަން ފާހަގަކުރައްވާ އަޙުމަދު ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރެވެމުން އަންނަކަމަށާއި އެކަން ކުރެވިއްޖެނަމަ ރާއްޖެއިން ބޭރަށް ކޭމްޕުކުރަން ދާންޖެހުމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެންނަށް މިލިބޭ އެންމެ ބޮޑު ދައްޗަކީ ތަފާތު ދެ ޕިޗެއްގަ ކުޅެން ޖެހޭކަން. ދެން އެކަން ހައްލުކުރަން މިކުރަންޖެހޭ ކަމަކީ ސިލޯނަށް ނުވަތަ އިންޑިއާ ކަހަލަ ތާކަށް މުބާރާތަށް ދިއުމުގެ ކުރިން ކޭމްޕަކަށް 7 ޑޭސް. 10 ޑޭސްއަށް ގޮސްފަ ކުޅެލާފަދަނީ" އަޙުމަދު ވިދާޅުވެފަވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އަހުމަދު ވިދާޅުވީ ފުވައްމުލަކުގައި މިހާރު ފަރިތަކުރަމުންދާ ކުރިކެޓު ގުރައުންޑް ތަރައްޤީކޮށް އެތަނުގައި ޒަމާނީ ފެންވަރުގެ ނެޗުރަލް ޓާފެއް އެޅުމުގެ މަސައްކަތް ބޭރުގެ އެހީއާއި އެކު ކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށެވެ. މިފަދަ ޕިޗަކީ ވަރަށް އަގުބޮޑުކޮށް އެޅޭ ޕިޗަކަށްވެފައި ބެލެހެއްޓުމަށްވެސް ބޮޑު ޚަރަދެއް ހިނގާކަމަކަށްވުމުން ބޭރުގެ އެހީ މިކަމަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ސަރުކާރާއި ކުރިކެޓް ބޯޑުން މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނައިރު އުންމީދަކީ ކައިރި މުސަތަޤުބަލެއްގައި މިޕިޗު ތަރައްޤީވެގެން ދިއުންކަމަށް އަހުމަދު ވިދާޅުވެފަވެއެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ ފުވައްމުލަކުގައި މީނީ ޑެޑިކޭޓެޑް ކުރިކެޓް ގުރައުންޑެއް. ވަރަށް ގިނަ މަސައްކަތް އެބަކުރެވޭ ވަރަށް ގިނަ ފަރާތްތަކާއި އެއްކޮށް އެތާނގަ ޓާފެއް އެޅޭތޯ. ހަގީގަތުގަ ޓާފެއް އެޅުމާއި އެ ބެލެހެއްޓުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާކަމެއް. އެހެންވީމަ މަސައްކަތް މިކުރަނީ ބޭރުގެ، އިންޑިއާ ނުވަތަ ސިލޯނު ކުރިކެޓު އެސޯސިއޭޝަނާ ގުޅިގެން މިކަން ކުރެވޭތޯ" އަހުމަދު ވިދާޅުވިއެވެ.

ނެޗުރަލް ޓާފެއް ރާއްޖޭގައި އެޅިއްޖެނަމަ އެއީ މިކުޅިވަރަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް އަހުމަދު ފާހަގަކުރެއްވިއެވެ. މި ޓާފާއެކު ބައިނަލްއަޤްވާމީ މުބާރާތްތައްވެސް ރާއްޖޭގައި ބޭއްވިގެންދާނެކަމަށާއި ފުވައްމުލަކީ މިވަގުތު މިފަދަ ޓާފެއް އެޅުމަށް އެންމެ އެކަށީގެންވާ ސިޓީކަމަށް އަހުމަދު ވިދާޅުވެފަވެއެވެ.

"ޓާފެއް އެޅިއްޖިއްޔާ އަޅުގަނޑުމެންނަށް ބޭރުގެ މުބާރާތްތައްވެސް ގެނެވޭނެ. އޭސީސީ އަންޑަރ 19 ހަމަ ސީނިއާ މުބާރާތްތައްވެސް ގެނެވޭނެ. ފުވައްމުލަކު ފެސިލިޓީސް އެބަހުރި، އެކޮމޮޑޭޝަން އެބަހުރި، ޗޭންޖިންގ ރޫމް އެބަހުރި، ސައިޒަށް ފެތޭ ދަނޑު އެބަހުރި. ހަމައެކަނި މަދު ވަނީ ނެޗުރަލް ޓާފް. އެހެންވީމަ ޓާފެއްގެ މަސައްކަތް މިހާރު އެންމެ ޕްރަޔަރިޓީގަ އިނީ" އަހުމަދު ވިދާޅުވެފަވެއެވެ.

ރާއްޖޭގެ ގައުމީ ކުރިކެޓު ޓީމުން މިހާތަނަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންދަނީ ސިންތެޓިކް ޓްރެކެއްގައެވެ. ފާއިތުވެދިޔަ މަހުގެ ތެރޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގަ ބޭއްވި 19 އަހަރުންދަށުގެ މެންސް އޭސީސީ ޕްރިމިއަރ ކަޕުގައި ވާދަކުރި ގައުމީ ޓީމުންވެސް ވަނީ މުބާރާތުގެ ކުރިން ލަންކާގައި ކޭމްޕުކޮށް ނެޗުރަލް ޓާފެއްގައި މެޗު ތަޖުރިބާތަކެއް ހޯދާފައެވެ. އެހެންކަމުން ރާއްޖޭގައި މިފަދަ ޓާފެއް އެޅިގެން ދިއުމަކީ ކުޅުންތެރިންގެ ވަރަށް ބޮޑު އުންމީދެކެވެ.