ގައުމީ އަންހެން ވޮލީ ޓީމުން މިމަހުގެ 6 އިން 13 އަށް ތައިލޭންޑުގައި ކުރި ކޭމްޕު ވަރަށް ކާމިޔާބުކަމަށާއި އެކޭމްޕުގެ ސަބަބުން ކުޅުންތެރިންނަށް މެޗު ތަޖުރިބާތަކެއްވެސް ލިބިގެން ދިޔަކަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު މުހަންމަދު ނަދީމް ބުނެފިއެވެ.
މި ކޭމްޕަކީ މިމަހުގެ 20 ގަ ފަށާ ވިމެންސް ކާވާ ކަޕް 2025 ގެ ކުރިން ތަޖުރިބާ ހޯދުމުގެ ގޮތުން ކުރި ކޭމްޕެކެވެ. މި ކޭމްޕުގެ ތެރެއިން ޕްރެކްޓިސް މެޗުތައް ކުޅެފަވާއިރު، ކުޅުންތެރިންގެ ފިޓްނެސް ލެވެލް މަތިކުރުމަށްޓަކައި ސްޓްރެންތު ޓްރޭނިންގ ފަދަ ޓްރޭނިންތައްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.
ތަޖުރިބާ ހޯދުމުގެ ގޮތުން ތައިލޭންޑަށް މިކުރި ދަތުރުގެ ތެރެއިން އެގައުމުގެ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިން މަސްހުނިކޮށް ވާދަވެރިކަމާއެކު މެޗުތައް ކުޅެވުނުކަމަށާއި މިއީ ކުރިއަށް މިއޮތް ކާވާ ކަޕަށް ލިބުނު މުހިންމު ތަޖުރިބާއެއްކަމަށް ނަދީމް ބުނެފަވެއެވެ.
މުބާރާތަށް ފަތިރަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށް ދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ނަދީމް ބުނީ ނިމިގެން ދިޔަ ކޭމްޕަކީ ގައުމީ ވޮލީ ޓީމުން އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ ޓީމު ވަރުގަދަ ކުރަން ލިބުނު ފުރުސަތެއްކަމަށެވެ.
"ތައިލޭންޑުގެ ވަރަށް މޮޅެތި ޓީމުތަކާއި އެއްކޮށް ކުޅުނީމަ ކުރިއަށް އޮތް ކާވާ މެޗަށް އެލިބެން ބޭނުންވާ ވަރަށް ގިނަ ތަޖުރިބާތައް ލިބިގެން ދިޔަ. ރަނގަޅުކުރަންޖެހޭ ކަންތައް ރަނގަޅުކުރަން ލިބުނު ފުރުސަތަކަށްވެގެން ދިޔައީ" ނަދީމް ބުންޏެވެ.
ވިމެންސް ކާވާ ކަޕަށް ވަގުތު ކުޑަތަންވަމުން އަންނައިރު ކުޅުންތެރިންގެ ފަރާތުން ފެންނަނީ ވަރުގަދަ ޖޯޝެއްކަމަށް ނަދީމް ބުންޏެވެ. ފާއިތުވެދިޔަ އަހަރު ރިހި މެޑައްޔަކުން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނަސް، ޓީމުން އިތުރު ހިތްވަރެއްލާ ދައްކަމުންދަނީ ރަން މެޑައްޔަކަށް މިއަހަރު ކުރަމުންދާ އުންމީދުކަމަށް އޭނާ ބުންޏެވެ. ކޮންމެ ކުޅުންތެރިއެއްގެ ފަރާތުންވެސް ފެންނަމުންދަނީ އަމާޒަށް ވާސިލްވުމަށް ގަދަ އަޅާ ކުރާ މަސައްކަތްކަމަށާއި ޓީމާއި ފަޚުރުވެރިވާކަމަށް ކޯޗު ފާހަގަކުރިއެވެ.
"ކުޅުންތެރިންގެ މޯޓިވޭޝަން ހަމަ ދަންނަވާނީ ވަރަށް ރަނގަޅޭ އިންޝާﷲ، މިދިޔަ އަހަރުތަކުގަ އަޅުގަނޑުމެން އަންހެން ޓީމު ގޯލްޑް މެޑަލް ހޯދަން އެކުރި މަސައްކަތުން އެ ނުލިބުނު ތަންކޮޅު ގޯލްޑް މެޑަލްއަށް ބޭނުންވެފަ ތިބި މިންވަރު ހަމަ ސާބިތުވެގެން ދިޔައީ. ކުޅުންތެރިންގެ އަޒުމާއި އެ އުންމީދު ވަރަށް ބޮޑަށް އައު ވެގެންދިޔަ" ނަދީމް ބުންޏެވެ.
ވޮލީ ޓީމުގައި ކޮންމެވެސް ވަރަކަށް ކުދިކުދި އަނިޔާގެ މައްސަލަތައް ހުރި ނަމަވެސް ޖުމްލަ ގޮތެއްގައި ކުޅުންތެރިން ފިޓްކަމަށް ނަދީމް ބުނެފަވެއެވެ. ކުޅުންތެރިންގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ޑޮކްޓަރަކު ބައްލަވަމުން އަންނަކަމަށާއި މިވަގުތު ސީރިއަސް އެއްވެސް އަނިޔާއެއް ކުޅުންތެރިއަކަށް ވެފައި ނެތްކަމަށް ނަދީމްވަނީ މައުލޫމާތުދީފައެވެ. އެހެންކަމުން އުންމީދަކީ މުބާރާތް ފެށިގެންދާއިރުވެސް ކުޅުންތެރިން ފިޓްކޮށް ޕީކުގަ ތިބުންކަމަށާއި ކުޅުންތެރިންގެ ސިއްހީ ހާލަތު ވަރަށް ގާތުން ބަލަމުންދާނެކަމަށް ނަދީމް ހާމަކުރިއެވެ.
"ބައެއް ކުދިން އެބަހުރި ކުދިކުދި އިންޖަރީސް. އެކަމަކު އަޅުގަނޑުމެންގެ ޑޮކްޓަރ އެކުދިންނަށް ވަރަށް ރަނގަޅަށް ފަރުވާދީ، އެކުދިންގެ ރިކަވަރީ، ރީހެބް، ސްޓްރެންތެނިންގ ފަދަ ބައިވަރު ކަންކަން ކުރެވިގެން އެބަދޭ. އެހެންވީމަ ކުދިކުދި އިންޖަރިސް ހުރިކަމަށް ވިޔަސް ވޯމްއަޕް ކުރެވިގެންދާނީ ލުޔެއް ލިބިގެން" ނަދީމް ބުންޏެވެ.
ވިމެންސް ކާވާ ކަޕަށް ގައުމީ ވޮލީ ޓީމުން ފަރިތަކުރުންތައް ފަށާފަވަނީ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ގަވާއިދުން ކުރެވުނު ޕްރެކްޓިސްތަކަށްފަހު މެޗު ތަޖުރިބާ ހޯދުމުގެ ގޮތުން ތައިލޭންޑަށް ގޮސް ކުރި ކޭމްޕުގެ ތެރެއިން ކޮންމެ ދުވަހަކު ދެ ދަންފަޅިއަށް ބަހާލައިގެން ޓްރެއިނިންގތަޖެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ދަތުރުގެ ބޭނުމަކީ މުބާރާތުގެ ކުރިން މެޗުތަކެއް ކުޅެ ކުޅުންތެރިންނަށް އިތުރު ތަމްރީނު ހޯދައިދިނުންކަމަށްވާއިރު އެ މަގްސަދު މި ދަތުރުގެ ތެރެއިން ވަރަށް ފުރިހަމައަށް ހާސިލްވެގެން ދިޔަކަމަށް ނަދީމް ބުނެފަވެއެވެ.
މިމުބާރާތުގައި ރާއްޖެއިން އެންމު ފުރަތަމަ ނުކުންނާނީ މުބާރާތް ފަށާ ދުވަސްކަމަށްވާ 20 ވަނަ ދުވަހު ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އެއަށްފަހު ޖެހިގެން އަންނަދުވަހު އަފްޣާނިސްތާނާއި ދެކޮޅަށް ކުޅޭނެއެވެ. އަދި 22 ވަނަ ދުވަހުގެ ރޭ ކިރިގިސްތާނާއި ދެކޮޅަށް ކުޅުމަށްވަނީ ތާވަލުކޮށްފައެވެ. މިމުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރަންޖެހޭ ގޮތަށެވެ.
ރާއްޖޭގެ އިތުރުން ވިމެންސް ކާވާ ކަޕުގައި ވާދަކުރާ ގައުމުތަކަކީ އަފްޣާނިސްތާނު، ބަންގްލަދޭޝް އަދި ކިރިގިސްތާނެވެ.