ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ އެހީތެރިކަމާއެކު ކުރަމުންދާ ޞުލްޙައިގެ މަޝްވަރާތަކަށް ޔޫކްރެއިންއާއި ވިލާތުގެ ޤައުމުތަކުން އެއްބާރުލުން ނުދޭނަމަ ރަޝިޔާއިން ޔޫކްރެއިންގެ އިތުރު ބިންތައް ހިފާނެ ކަމުގެ އިންޒާރު، ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ދެއްވައިފިއެވެ.
އެމެރިކާއިން ވަނީ ރަޝިޔާއާއި ޔޫކްރެއިންއާއި ވިލާތުގެ ޤައުމުތަކުގެ އިސްވެރިންނާއެކު ހަނގުރާމައާ ގުޅޭގޮތުން ވަކިވަކިން މަޝްވަރާތައް ބާއްވައިފައެވެ. ނަމަވެސް މިހާތަނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ. އެއްބަސްވުމަކާ ހަމައަށް ނާދެވޭ މައިގަނޑު ސަބަބުތަކަކީ ޔޫކްރެއިނުން ރަޝިޔާއަށް ބިން ދިނުމާއި ހުޅަނގުގެ ޤައުމުތަކުން ޔޫކްރެއިންއަށް ސަލާމަތީ ގެރެންޓީ ދިނުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުމެެވެ.
ޕުޓިން ވިދާޅުވީ ޔޫކްރެއިންގެ ހުރިހާ ދިމާލެއްގައި ވެސް ރަޝިޔާގެ ސިފައިން ޙަރަކާތްތެރިވެ ކުރިއަށް ދަމުންދާ ކަމަށާއި، ރަޝިޔާއިން ބޭނުންވާ ކަންކަން މަޝްވަރާގެ މަގުން ހާޞިލް ނުކުރެވޭ ނަމަ އަސްކަރީ ޙަރަކާތުގެ ތެރެއިން އެ ކަންކަން ހާޞިލް ކުރާނެ ކަމަށެވެ. ކްރައިމިއާއާއި ޔޫކްރެއިންގެ ދެކުނާއި އިރުމަތީގެ ބޮޑު ބައެއް ޔޫކްރެއިންގެ ގާތްގަނޑަކަށް 19 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައި ކަމަށް އެ ޤައުމުން ބުނެއެވެ. ނަަމަވެސް ޔޫކްރެއިންއާއި ބައިނަލްއަޤްވާމީ ދުނިޔެއިން އެއީ ރަޝިޔާގެ ބައެއް ކަަމަށް ޤަބޫލެއް ނުކުރެއެވެ.
ރަޝިޔާގެ އުފެއްދުންތެރި ކަމުގެ ނިސްބަތުގެ 5.1 އިންސައްތަ މިހާރު ވެސް ހަނގުރާމައަށް ދަނީ ޚަރަދު ކުރަމުންނެވެ. ރަޝިޔާގެ ދިފާޢީ ވަޒީރު އަންދްރޭ ބެލޫސަވް ވިދާޅުވީ 2026ވަނަ އަހަރު އެ ޤައުމުން ޔޫކްރެއިންއަށް ދޭ ޙަމަލާތައް ފުޅާކޮށް އިތުރު ބިންތައް ހިފުމަށް ރާވާފައިވާ ކަމަށެވެ.
ވިލާތުގެ ޤައުމުތަކުގެ ވެރިން ބުނަމުން ދަނީ އެ ޤައުމުތަކުން ތިބީ ޔޫކްރެއިންއާ އެކުގައި ކަމަށެވެ. އަދި ޔޫކްރެއިންއަށް ޙަމަލާ ދިނުމަކީ އެ ކަމަކަށްޓަކައި ރަޝިޔާއަށް ހިތްވަރުދޭން ޖެހޭ ކަމެއް ނޫން ކަމަށް އެ ޤައުމުތަކުން ބުނެއެވެ.
ޕުޓިން ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ރަޝިޔާ ނައްތާލުމަށް މަސައްކަތް ކުރި ކަމަށެވެ. ހަމަ އެ ގޮތަށް، ހުޅަނގުގެ ސިޔާސީ ވެރިން ވެސް މަސައްކަތް ކުރަމުން ދަނީ ރަޝިޔާ ބަލިކަށިކޮށް ނައްތައިލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާއިން ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމުތަކަށް ޙަމަލާ ދިނުން އެކަށީގެންވާ ކަމަށް ހުޅަނގުން ބުނަމުންދާ ބުނުމަކީ ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ފަދަ ވާހަކަތައް ދެެއްކުމުގެ ބޭނުމަކީ މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާއިން ވަނީ ޞުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅަނީ ވިލާތުގެ ބާރުތަކުން ކަމަށް މީގެ ކުރިން ވެސް ތުހުމަތުކޮށްފައެވެ.