ޚަބަރު

ޔަހޫދީންނާ ހެދި ޣައްޒާ އެއްބަސްވުމަށް ދަނީ ހިޔަނިއެޅެމުން: ޤަޠަރުގެ ބޮޑުވަޒީރު


ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ އުދުވާނީ ޙަމަލާތަކާ ގުޅިގެން އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނިއެޅެމުންދާ ކަމުގައި ވިދާޅުވެ، ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އަލް-ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ އިންޒާރު ކުރައްވައިފިއެެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ އެކު ވޮޝިންގްޓަނުގައި ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް މުޙައްމަދު ވަނީ ޔަހޫދީންގެ ޙަމަލާތައް ހުއްޓުވަން އެމެރިކާއަށް ގޮވައިލައްވާފައެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 10 ދުވަހުއެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި ޤަޠަރުން ވަނީ އެމެރިކާއާ ގުޅި، މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 394ށް އުފުލިފައިވާއިރު، އިތުރު 1,075ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ޝައިޚް މުޙައްމަދު ވިދާޅުވީ، ރޫބިޔޯއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޔަހޫދީންގެ އުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް ބާރު އެޅުމަށް އެމެރިކާއަށް ގޮވައިލައްވާފައިވާނެ ކަމުގައެވެ. މީގެ އިތުރުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ޣައްޒާގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާ ބައިނަލްއަޤްވާމީ ފައުޖާއި، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ޔަހޫދީން ކުރިމަތި ކުރަމުންދާ ހުރަސްތައް ނައްތައިލުމަށް ބާރު އެޅުން ހިމެނެެއެވެ.