ޚަބަރު

ތަކުރާރުކޮށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޞުލްޙަ ޤާއިމްކުރުމަށް ހުރަސްއެޅޭ: ޤަޠަރު


ޣައްޒާގައި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ތަކުރާރުކޮށް ޢަމަލުކުރުމަކީ ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުަޙައްމަދު ބިން އަބްދުއްރަޙްމާން އައްޘާނީ ވިދާޅުވެއްޖެއެވެ.

ޤަޠަރުގެ ބޮޑުވަޒީރު އެހެން ވިދާޅުވީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ބައްދަލުކުރައްވައި، ޞުލްޙައިގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ފަހުގައެވެ. އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުން ލަސްވާ ވަރަކަށް، އަދި އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް އަދިވެސް ޙަމަލާ ދެމުންދާ ނަމަ ޞުލްޙަ ޤައިމުކުރުމުގެ މަރުހަލާ އިތުރަށް އުނދަގޫވެ ދާއިމީ ގޮތެއްގައި ޞުލްޙަ ޤާއިމްކުރުމަށް ހުރަސްއެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން އެތައް ސަތޭކަ ފަހަރެއްގެ މަތިން ޔަހޫދީން އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ޙަމަލާ ދީފައިވެއެވެ. ގާތްގަނޑަކަށް 730 ފަހަރު މަތިން ދިން ދީފައިވާ ޙަމަލާތަކުގައި ޣައްޒާގެ 394 ރައްޔިތުން ޝަހީދުވެ 1،075 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެއްވެސް ޝަރުތަކާ ނުލައި ވަގުތުންވަގުތަށް ފުރުޞަތު ދޭން ޖެހޭ ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ސާމާނު ފޯރުކޮޮށްދިނުމަށް ޔަހޫދީން ހުރަސްއެޅުން އެމެރިކާއިން ހުއްޓުވަން ޖެހޭ ކަމަށް ވެސް ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

ރޫބިޔޯއާ ބައްދަލުކުރައްވައި ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފައުޖެއް އެކުލަވާލުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވިކަމަށް އައްޘާނީ ވިދާޅުވެފައިވެއެވެ.