ރާއްޖޭގައި މިހާތަނަށް ތަރިކައިގެ ދާއިރާއަށް ތަރައްޤީ ނުގެންނަ މިންވަރަށް މި ސަރުކާރުން ތަރައްޤީ ގެނެސްދީފައިވާ ކަމަށާއި، އަންނަ އަހަރު މިދާއިރާއިން އިތުރު މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހި ބަހުގެ އެކަޑަމީން ބޭއްވި އަދަބީ މުބާރާތްތަކާއި، އަތުލިޔުން މުބާރާތުގެ އިނާމް ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަރިކައިގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަށް މި ސަރުކާރުން ވަނީ ތިން ސިޔާސަތެއް އެކަށައަޅާފައެވެ. އެއީ، ތަރިކައިން އާމްދަނީ ހޯދުމާއި، ތަރިކައަކީ ދިވެހީންގެ ތަޖުރިބާގެ ބަޔަކަށް ހެދުމަށާއި، ތަރިކަ ޑިޖިޓަލައިޒްކޮށް ޒަމާނަށް އަންނަ ކުރިއެރުމަކަށް ހެދުމެވެ. ވަޒީރު ވިދާޅުވީ، ދިވެހި ދަޢުލަތުން މި ސިޔާސަތުތައް ހަޤީޤަތަކަށް ހެއްދެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ފާއިތުވި ތަަނަށް ބަލާއިރު ތަރިކައާމެދު ދެެކެވިފައިވަނީ ދަޢުލަތުގެ މާލިއްޔަަތަށް އޮތް ވަރަށް ބޮޑު ބުރަޔަކަށް. ތަކުލީފެއްގެ ގޮތުގައި. އެއްވެސް އަގެއް ނެތް ބާ ތަނަކަށް ދެވޭ ބޭކަރު ޚަރަދެއްގެ ގޮތުގައި ދެކޭ ދިވެހީންވެސް މަދެއް ނޫން. ނަމަވެސް ރައީސްގެ ވިސްނުންފުޅު ތަފާތު. މިހާރު ދިވެހި ދަޢުލަތުން މި ގެންދަވަނީ އިސްވެ މި ދެންނެވި ތިން ސިޔާސަތު ހަޤީޤަތަކަށް ހެއްދެވުމަަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން. ގިނަ ޚަރަދުތަކެއް އަދި އިންވެސްޓުތަަކެއް ކުރައްވަމުން." ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ތެރެއިން، ޣާޒީ ރަދުންގެ އާސާރުތައް ދިރުވާ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ވަނީ ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގެ އާސާރުތައް ތަރައްޤީ ކުރުުމުގެ މަސައްކަތްތައް ފަށާފައެވެ. ވަޒީރު ވިދާޅުވީ، މި ބަދަލު ގެނެވުނީ މި ތަންތަން ދިވެހީންގެ ތަޖުރިބާއަކަށް ބަދަލުވާ ގޮތަށް ކަމަށާއި، މިއީ ރާއްޖޭގައި މިހާތަނަށް ތަރިކައިގެ ދާއިރާއަކަށް ތަރައްޤީ ގެނެސްފައިނުވާ މިންވަރެއް ކަމަށެވެ. އަދި އަންނަ އަހަރު އިތުރު މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މި ފެށޭ ޖަނަވަރީ މަހު އިރާދަކުރެއްވިއްޔާ އަމަލީ މަސައްކަތް ފެށޭނެ މާލެ އުސްގެކޮޅާއި، އެ ސަރަހައްދުގައި ތަރައްޤީކުރެވޭ މިއުޒިއަމް ނުވަތަ ދާރުލްއާސާރުގެ މަސައްކަތް. މިއީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންޓަރެކްޓިވް އިމާސިވް ޓެކްނޮލޮޖީ ހިމެނޭ މިއުޒިއަމެއް." ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ތަރިކައިގެ ދާއިރާ މިއަދު ދެކެމުން މިދަނީ ވަރަށް ނަސީބުވެރި ދުވަސްތަކެއް ކަމަށާއި، ދިވެހި ދަޢުލަތުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި ދާއިރާއާމެދު ފުރިހަމަ ތަޞައްވުރެއް ގެންގުޅުއްވާ ކަމަށެވެ. އެގޮތުން، އެމަނިކުފާނު މިކަމާއި ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން މަގުތައް ފަހިކޮށްދެއްވަމުން ގެންދަވާ ކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ދިވެހި ބަސް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާއެވެ. އެގޮތުން، ދިވެހި ބަހުގެ އެކަޑަމީގެ އިމާރާތް މިހާރު ދަނީ ތަރައްޤީ ކުރަމުންނެވެ. އަދި އެ އެކަޑަމީން ކޮންމެ އަހަރަކުވެސް ބާއްވާ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުންތަކަކީ، ޤައުމީ ފެންވަރެއްގައި ކޮންމެ އަހަރަކުވެސް ބާއްވާނެ ރަސްމިއްޔާތެއް ކަމަށް ރައީސް ވަނީ ހަމަޖައްސަވާފައެވެ.