15ވަނަ ގަރުނާއި 19ވަނަ ގަރުނާ ދެމެދު އެފްރިކާ ބައްރުގެ ޤައުމުތަކުގެ ރައްޔިތުން އަޅުވެތިކޮށް، އެ މީހުންގެ މައްޗަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ހިންގި އިސްތިޢުމާރީ ވެރިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެފްރިކާގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ބައިނަލްއަޤްވާމީ ވަފުދަކުން ގާނާގެ ރައީސް ޖޯން ޑްރާމާނީ މަހާމާއަށް ގޮވައިލައިފިއެވެ. އެ މުއްދަތުގެ ތެރޭގައި އެފްރިކާގެ ޤައުމުތަކުން 12.5 މިލިޔަނަށް ވުރެ ގިނަ މީހުން އެމެރިކާއަށް ގެންގޮސް، އަޅުވެތި ކުރުވާފައިވެއެވެ.
ހުޅަނގުގެ ބާރުތަކުން އަޅުވެތިކޮށްފައިވާ އެފްރިކާގެ ޤައުމުތަކުގެ މީހުންނާއި، އެ މީހުންގެ ޢާއިލާތަކާއި، އެ ޤައުމުތަކަށް ލިބުނު ގެއްލުމާއި، ވޭނާއި ކެކުޅުމަށް ބަދަލު ހޯދުމާ ގުޅޭ ގޮތުން އެންގޯލާގެ ލުއާންޑާގައި ގާނާގެ ރައީސް ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި އެފްރިކާގެ އިއްތިޙާދު (އޭޔޫ)ގެ އިތުރުން ވިލާތާއި، ކެރީބިޔަން އަދި އެމެރިކާ ބައްރުގެ ޤައުމުތަކުގެ ވަފުދުތައް ބައިވެރިވިއެވެ. އަދި، އެ ވަފުދުތަކުން ވަނީ، ފަސޭހަ ގޮތް ޚިޔާރު ކުރުމުގެ ބަދަލުގައި، ހިތްވަރާއެކު މި ކަމާ ކުރިމަތިލުމަށް އެފްރިކާގެ ޤައުމުތަކުގެ ވެރިންނަށް ބާރުއެޅުމަށް ރައީސް މަހާމާއަށް ގޮވައިލާފައެވެ.
ހުޅަނގުގެ ބާރުތަކުން އަޅުވެތި ކުރި އެފްރިކާގެ ރައްޔިތުންގެ ޙައްޤުގައި، އެ މީހުންގެ ޢާއިލާތަކަށް ބަދަލު ނަގައިދިނުމަށް، އަދި ތާރީޚީ ގޮތުން ހުޅަނގުގެ ބާރުތަކުން ހިންގާފައިވާ ޖަރީމާތަކަށް އިޢުތިރާފު ކުރުވައި، އެ ފަދަ ޖަރީމާތައް ހުއްޓުވުމަށް ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އޭޔޫއިން މިހާރު ވެސް ދަނީ ބާރު އަޅަމުންނެވެ. މިއީ، މިއަދު ވެސް ދުނިޔޭގައި ހިންގަމުންދާ ނަސްލީ ތަފާތުކުރުން ފަދަ ޖަރީމާތައް ހުއްޓުވައި، އެ ފަދަ މައްސަލަތައް ހައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
މި ކަމަށް ގޮވައިލާ އަޑުތައް ގަދަވަމުން ދިޔަ ނަމަވެސް، ހުޅަނގުގެ ބާރުތަކުން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. ވިލާތުގެ ގިނަ ޤައުމުތަކުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މާޒީގައި ހިނގާފައިވާ ކަންކަމަށް މިހާރުގެ ދައުލަތްތަކާއި މުއައްސަސާތަކުން ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. ލުއާންޑާގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި ޤައުމުތަކުގެ ވަފުދުތަކުން ވަނީ، އަޅުވެތި ކަމުގެ ސަބަބުން އެފްރިކާގެ ރައްޔިތުންނަށް ލިބުނު ވޭނާއި ކެކުޅުމަށް އިޢުތިރާފުވެފައެވެ. ނަމަވެސް، އެ ކަމަށް ބަދަލު ދިނުމަށް އެއްވެސް ޤައުމެއްގެ ވަފުދަކުން އެއްބަސްވެފައެއް ނުވެއެވެ.