އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުމުގެ ހަފްލާ ބާއްވައިފިއެވެ.
މިހަފްލާ ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ހަފްލާގައި އެކްސެލް އިންޓަނޭޝަލް ސްކޫލުން ދަސްވެނިވި 161 ދަރިވަރުންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ސެޓްފިކެޓް ދީފައިވަނީ އެސްކޭޖީ ނިންމި ދަރިވަރުންނަށެވެ. ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން ތައުލީމު ދޭން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މިހާތަނަށް މި ސްކޫލުން 8000 ދަރިވަރުން ކިޔަވާފައިވާކަމަށް އެ ސްކޫލުން މައުލޫމާތުދެއްވައެވެ. މި ސްކޫލުން ކިޔަވައިދެނީ ޕްރީސުކޫލް ނިމުމާއި ހަމައަށެވެ.
މި ހަފްލާގައި ވާހަކަދައްކަމުން އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ދަސްވެނިވި ކުއްޖަކު ބުނީ، މިއަހަރުގެ ތެރޭގައި އެ ސްކޫލުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭގެތެރޭގައި އިސްލާމް ދީނުގެ ރިވެހި އަޚުލާޤުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނެއެވެ. އޭގެތެރޭގައި ނަމާދުކުރާނެ ގޮތާއި، ހައްޖުވާނެ ގޮތް ހިމެނެއެވެ.
"އިސްލާމް ދީނުގެ ރިވެހި އަޚުލާޤުތައް ދަސްކޮށްދޭ ހަފްތާތަކެއްގައި ބައިވެރިވި. މުސްލިމަކަށް ވުމަށްޓަކައި ދުލުން ކިޔަންޖެހޭ ކަލިމަތަކާއި، ސަލާމް ކުރުމަށާއި، ދިމާވާ ކޮންމެ ކަމަކަށް އަލްހަމްދުﷲ ބުނުމަށާއި، އަދި މައިންބަފައިން ނުވަތަ އެހެން މީހުން ކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިވާންވެސް މި ހަފްތާތަކުގެ ތެރޭގައި އަޅުގަނޑުމެން ދަސްކުރިން." ދަސްވެނިވި ދަރިވަރަކު ބުންޏެވެ.
މިވަގުތުވެސް އެކްސެލް އިންޓަނޭޝަނަލް ސްކޫލުގައި 1013 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެ ސްކޫލުގެ އަމާޒަކީ، ރަނގަޅު އަޚްލާގެއް ތިބި ކުދިންތަކެއް މުޖުތަމަޢަށް ނެރުމެވެ.