ޚިޔާނާތުގެ ކުށުގައި ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ ޙުކުމުގެ ބާކީ އޮތް މުއްދަތު ގޭބަންދުގައި ތަންފީޒުކުރުމުގެ ފުރުޞަތު ދެވެން ނެތް ކަމަށް އެ ޤައުމުގެ ކޯޓަކުން ނިންމައިފިއެވެ.
ނަޖީބާ ދެކޮޅަށް 12 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދް (ވަންއެމްޑީބީ)ގެ ފައިސާގެ ތެރެއިން 4.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޚިޔާނާތާއި މަނީ ލޯންޑްރިންގގެ ދަޢުވާގައެވެ. އެ ފައިސާގެ ތެރެއިން 1 ބިލިޔަން އެމެރިކާ ޑޮލަރު ޖަމާކުރައްވާފައި ވަނީ އޭނާގެ އަމިއްލަ އެކައުންޓަށެވެ.
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގ ކުށް ސާބިތުވެ ނަޖީބްގެ މައްޗަށް 2022 ވަނަ އަހަރު އިއްވާފައިވާ 12 އަހަރުގެ ޖަލު ޙުކުމުގެ ދެބައިކުޅަ އެއްބައި ވަނީ އެ ޤައުމުގެ ރަސްގެފާނު މަޢާފުކޮށްދެއްވައިފައެވެ.
ޖަލު ޙުކުމުން ބައެއް މަޢާފްކޮށްދެއްވި ޤަރާރުގައި ހިމެނޭ އިތުރު ލިޔުމެއްގައި، ޙުކުމުގެ ބާކީ އޮތް މުއްދަތު ގޭބަންދަށް ބަދަލުކުރެވޭނެ މާއްދާއެއް އޮތް ކަމަށް ވިދާޅުވެ، ނަޖީބް ގެންދަވަނީ އެ ލިޔުން ހޯއްދަވަން ތަކުރާރުކޮށް ކޯޓު މަރުޙަލާތަކުގައި ވަކާލާތުކުރައްވަމުންނެވެ.
ކުއަލަ ލަމްޕޫރު ހައި ކޯޓުން މިއަދު ކުރި ޙުކުމުގައި ބުނީ، އެ ލިޔުން ދޫކުރުކަމަށް ދެބަސްވެވޭނެ ޖާގައެއް ނެތް ނަމަވެސް، އެ ލިޔުން ދޫކޮށްފައިވަނީ ކުށްވެރިންނަށް މަޢާފް ދިނުމާއި އަދަބު ލުއިކުރުމަށް ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޚާއްޞަ ބޯޑުގެ މަޝްވަރާއެއް ނެތި ކަން ސާފުވާ ކަމަށެވެ.
މެލޭޝިޔާގެ ރަސްގެފާނަށް ކުށްވެރިންނަށް މަޢާފު ދިނުމުގެ ބާރަކީ މުތުލަޤުކޮށް ދެވިފައިވާ ބާރެއް ނޫން ކަމަށާއި، ބޯޑުގެ މަޝްވަރާއެއް ނެތި ކަމަށްވާތީ، އެ ލިޔުމަކީ އުފެދުމުގައި ވެސް ބާޠިލު ލިޔުމެއް ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅައިފައެވެ.