ޚަބަރު

ޑިސެންބަރާއި ޖަނަވަރީގައި ޢުމްރާއަށް 7000 މީހުން


  • ޖުމްލަ 7726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ފުރާނެ

  • އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރާނީ މިމަހުގެ 28 ވަނަ ދުވަހު

ޑިސެންބަރު މަހާއި ޖަނަވަރީ މަހު ރާއްޖެއިން 7000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއަހަރުގެ ޑިސެންބަރު މަހާއި ޖަނަވަރީމަހު ރާއްޖެއިން ޖުމްލަ 7726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައިވަނީ، މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 1049 ޢުމްރާވެރިން މައްކާއަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ޑިސެންބަރު މަހާއި ޖަނަވަރީ މަހު ޢުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ، މިމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 262 ޢުމްރާވެރިން ފުރާފައިވެއެވެ.

އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ މައްކާއަށް ދާ އެންމެފަހު ގްރޫޕް ފުރަން ހަމަޖެހިފައިވަނީ، އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު 298 ޢުމްރާވެރިން ފުރަން ހަމަޖެހިފައިވެއެވެ.

ރާއްޖޭގައި ޢާންމުކޮށް މީހުން އުމްރާއަށް ދަނީ، ޗުއްޓީތަކާއި ދިމާކޮށެވެ. މި ދުވަސްވަރު ގިނަ ބަޔަކު އުމްރާއަށް ދާއިރު، މީހުން ގެންދާ އެކިއެކި ކުންފުނިތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދަނީ ޝަކުވާތައް އިތުރުވަމުންނެވެ.

ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލެއް ހަދާފައިވާއިރު، އެ އުސޫލުގައިވާ ގޮތުން ކޮންމެ ކުންފުންޏަކުންވެސް އުމްރާގެ ދަތުރުތަކަށް ފައިސާ ނެގުމަށްފަހު އެ ފައިސާ ޚަރަދު ކުރަން ޖެހޭނީ އުމްރާގެ ކަންކަމުގައި އެކަންޏެވެ.

އެ ފައިސާ އިތުރު ކަމަކަށް ބޭނުން ކުރުމާއި، އިންވެސްޓް ކުރުންވެސް މަނާ ކަމަށް އުސޫލުގައިވެއެވެ.

އުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލު ކުރުމަށް ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި، ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފްވާ ފަރާތްތަކަށް ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކަށް ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.