ޚަބަރު

މަޤާމުގެ ނުފޫޒު ބޭނުންކުރުމާއި މަނީ ލޯންޑަރިން ދަޢުވާ ނަޖީބް މައްޗަށް ސާބިތުވެއްޖެ


މެލޭޝިޔާގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގައި، މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާ، ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފިއެވެ.

ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދް (ވަންއެމްޑީބީ)ގެ ފައިސާގެ ތެރެއިން 4.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ޚިޔާނާތާއި މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވެ، 2022ވަނަ އަހަރުން ފެށިގެން ނަޖީބް މިހާރުވެސް ގެންދަވަނީ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ނަޖީބްގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ޙުކުމުގެ ދެބައިކުޅަ އެއްބައި ވަނީ އެ ޤައުމުގެ ރަސްގެފާނު މަޢާފުކޮށްދެއްވައިފައެވެ.

އޭގެއިތުރުން، އެ މައްސަލައިގައި ޚިޔާނާތުގެ ތަފާތު ހަތަރު ދަޢުވާއަކާއި މަނީލޯންޑަރިންގގެ 21 ދަޢުވާއެއް ވަނީ އުފުލައިފައެވެ.

މީގެ ތެރެއިން ކޮންމެ ދަޢުވާއަކަށް 15 އަހަރާއި 20 އަހަރުގެ ޖަލު ޙުކުމެއްގެ އިތުރުން ޚިޔާނާތްތެރިވި ޢަދަދުގެ ފަސް ގުނައަށްވާ ޖޫރިމަނާއެއް ނަޖީބްގެ މައްޗަށް އިއްވާނެއެވެ.

އެ ޚިޔާނާތާ ގުޅުވައި ކުރަނީ ސިޔާސީ ދަޢުވާތަކެއްކަމަށް ނަޖީބްގެ ދިފާޢުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިނަމަވެސް، ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ނަޖީބް ބޭނުންކުރެއްވިކަމަށް ހުށަހެޅުނު ހެކިތަކާއި ދަލީލްތަކުން ސާފުވާކަމަށް، ޙުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވިއެވެ.