ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުން އަވަސްކުރަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފް އަދި ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ އާއެކު ވަރަށް ދިގުކޮށް މަޝްވަރާ ކުރެއްވިކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ ސަރުކާރުގެ ފަރާތުން މިކަމުގައި އިސްކޮށް އުޅުއްވާ ދެ ބޭފުޅުންނާއެކު ކުރެއްވި ބިނާކުރަނިވި މަޝްވަރާތަކުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނައުން އަވަސްކުރަން އައު ޚިޔާލުތަކާއި ކުރިއަށް ގެންދާނެ ބައްދަލުވުންތައް ވެސް ހިމެނޭކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕްގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފާއިތުވި ދުވަސްތަކުގައި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.
އެމެރިކާއާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، މި ހަފްތާގައި ޒެލެންސްކީ ވަނީ 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ އެއްބަސްވުމުގެ އޮނިގަނޑެއް ހުށަހަޅުއްވައިފައެވެ.
ނަމަވެސް، ޔޫކްރެއިންގެ ސަރަޙައްދުތައް ބެލެހެއްޓުމާއި ޒަޕޮރިޜިޔާ ނިޔުކްލިއަރ މަރުކަޒާ ގުޅޭ ނުކުތާތަކާމެދު އެއްގަލަކަށް އެރިފައިނުވާތީ، އެ ދެބަސްވުންތައް ޙައްލުކުރަން، ސީދާ ޓްރަމްޕާއެކު މަޝްވަރާކުރަންޖެހޭ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ ކަރުދާހެއް ދިރާސާކުރަމުންދާ ކަމަށެވެ.
ނަމަވެސް، އެ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުތަކުގެ ތަފްޞީލެއް އެމެރިކާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންގެ އިސް މަންދޫބާއި އެމެރިކާގެ މަންދޫބުންނާއެކު މިއަދުވެސް އިތުރު މަޝްވަރާތައް ކުރެވޭނެ ކަމަށެވެ.