ޗައިނާގެ އަމިއްލަ ކުންފުނިތަކުން ޤައުމުން ބޭރަށް ޙިއްސާ ވިއްކައިގެން ލިބޭ ފައިސާ ޤައުމަށް އެތެރެކުރަން ޖެހޭނެ ކަމަށް އެ ޤައުމުން ކަނޑައަޅައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ މާލީ ހިރާސްތައް މެނޭޖްކޮށް ލޮޅުންތައް އެރިޔަ ނުދިނުމަށެވެ.
ޗައިނާގެ މަރުކަޒީ ބޭންކާއި ބޭރު ފައިސާއާބެހޭ އެފްއެކްސް އިދާރާއިން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ އުޞޫލެއްގެ ގޮތުން ހުރިހާ ކުންފުންޏަކުން ވެސް ބޭރުގެ ބާޒާރުތަކުގައި ވިއްކާ ޙިއްޞާގެ ފައިސާ ޗައިނާގެ މާލީ ނިޒާމުގެ ތެރެއަށް ވައްދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޤައުމުން ބޭރުގައި ކުރާ އިންވެސްޓުމެންޓުތަކަށާއި ލޯނުތަކަށް ޤައުމުން ބޭރުގައި ފައިސާ ދައުުރުކުރާ ނަމަ ޚާއްޞަ ޙުއްދައެއް ދަށުން އެ ގޮތަށް ޢަމަލު ކުރެވޭނެއެވެ. އެ ޤަވާއިދުގައި އިތުރަށް ބުނީ ޚާއްޞަ ކެޕިޓަލް އެކައުންޓުތައް ބޭނުންކޮށްގެން ޗައިނާއިން ބޭރު ޤައުމުތަކަށް ފައިސާ ފޮނުވޭނެ ކަމަށެވެ. އަންނަ އަހަރުގެ އޭޕްރިލް މަހުގެ 1ވަނަ ދުވަހު ޢަމަލުކުރަން ފަށާ އައު ޤަވާއިދުގެ ދަށުން ޤައުމުން ބޭރަށް ވިއްކާ ޙިއްސާގެ ފައިސާ ޤައުމަށް އަނބުރާ ވައްދަންޖެހޭ ގޮތް ވެސް ބުނެދީފައިވެއެވެ.
އައު ޤަވާއިދުުގެ ދަށުން އިދާރީ ބަދަލުތައް ވެސް ގެނައުމަށް ހަމަޖެހިފައިވާ އިރު، ޤައުމުން ބޭރުގައި ޙިއްޞާ ވިއްކުމަށް ދަފްތަރުވުމަށް ދޭ މުއްދަތު ވަނީ 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްފައެވެ. ޤައުމުން ބޭރުގައި ދަައުރުކުރާ ފައިސާއާ ގުޅޭ ކަންކަން އިތުރަށް އިސްލާހުކޮށް ޤައުމުން ބޭރުގައި ފައިސާ ހޯދޭނެ ގޮތްތައް ފަސޭހަކޮށްދިނުމަށް ޗައިނާގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.