ތަޢުލީމު

ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާ މުޙައްމަދު


މިދިޔަ އަހަރު ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާ މުޙައްމަދު ހޮވިއްޖެއެވެ. މިއާއެކު އިބާއަށްވަނީ އެންމެ މޮޅު ދަރިވަރަށް އެސްކޫލުން ދޭ ޢަލީ ނާޒިމް އެވޯޑްވެސް ދީފައެވެ.

ހިރިޔާ ސްކޫލްގެ 2015 ވަނަ އަހރުގެ އިނާމް ދިނުމުގެ ޖަލްސާގައިވަނީ 2015 ވަނަ އަހަރު އެ ސްކޫލުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހާސިލްކުރި ދަރިވަރުންނަށް އިނާމާ ހަނދާނީ ލިޔުން ދީފައެވެ. މީގެ ތެރޭގައި އޯލެވެލް އިމްތިހާނުން ޤައުމީ ފެންވަރުގެ ވަނަތައް ހާސިލްކުރި ދަރިވަރުންނާއި، ސްކޫލް ޓޮޕް ޓެންގައި ހިމެނުނު ދަރިވަރުންނާއި، ވަކިވަކި މާއްދާތަކުން އޭ ފާސް ހޯދި ދަރިވަރުންނާއި، އިތުރު ހަރަކާތްތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ދަރިވަރުން ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14730509687954.jpg|2015 ވަނަ އަހަރު ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އާމިނަތު އިބާ މުޙައްމަދު(މ)- 2015 ވަނަ އަހަރު ހިރިޔާ ސްކޫލުން އެންމެ މޮޅު ތިންދަރިވަރުން- ފޮޓޯ: ވަހީދު، ޕީއެސްއެމް

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި، މުޅި ސްކޫލުން އެންމެ މޮޅު 3 ދަރިވަރުންނަށް އިނާމާ ހަނދާނީ ލިޔުން ދެއްވީ، ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރެވެ.

2015 ވަނަ އަހަރު ހިރިޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ، އާމިނަތު އިބާ މުހައްމަދެވެ. އިބާ ވަނީ ފާއިތުވި 3 އަހަރު ސްކޫލްގެ ޕްރިފެކްޓެއްގެ މަގާމް އަދާކޮށް، 2015 ވަނަ އަހަރު ހުސްނުހީނާ ހައުސްގެ ކެޕްޓަންކަން ކޮށްފައެވެ. އަދި ސްކޫލްގައި ހިންގާ ތަފާތު އިތުރު ހަރަކާތްތަކުގައިވެސް އިބާވަނީ ބައިވެރިވެ ކާމިޔާބީ ހާސިލް ކޮށްފައެވެ.

ފާއިތުވި އަހަރު އެ ސްކޫލުން ދެވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އަޝްޔާނަތު އަބްދުލް ވައްހާބެވެ. އަދި ތިންވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އައިޝަތު އަހްލާމް ހަބީބެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާކޮލެޖްގެ ރެކްޓަރ ޑރ އަޙްމަދު އަންވަރު ވިދާޅުވީ، ކިތަންމެ އާދައިގެ ކުއްޖަކުވެސް ކާމިޔާބީއަށް ވާސިލްވާން ބޭނުންނަމަ ގޮތެއް ހޯދަން މަސައްކަތްކުރާނެކަމަށެވެ. އަދި އޭލެވެލްއަށް ކިޔަވަން ފަށާއިރު ކުރިއަށްދާން ބޭނުންވާ މަގު އިޚްތިޔާރު ކުރަން ޖެހޭކަމަށެވެ.

ހިރިޔާ ސްކޫލުން މިހާރު އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވެފައިކަން އެ ސްކޫލްގެ ޕްރިސިޕަލް ފާހަގަކުރެއްވިއެވެ.