ޚަބަރު

އަޑަށް އޮތް އިތުބާރުގެ އަސްލަކީ ޙަޤީޤަތާ އެއްގޮތަށް ގެނެސްދޭ މަޢުލޫމާތު: އެމްޑީ ޝަކީބު


  • ދިވެހިންނަށް މިނިވަންކަން ލިބުމަށް މަގުފަހި ކުރުމުގައި އަޑުން މުހިންމު ދައުރެއް އަދާކުރި

  • އަޑުގެ ޚިދުމަތް ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ދިވެހިރާއްޖޭގެ އަޑަށް ރައްޔިތުންގެ އިތުބާރު ލިބިފައި އޮތީ ހަޤީޤަތާއި އެއްގޮތަށް ޚަބަރާއި މަޢުލޫމާތު ގެނެސްދެމުންދާތީ ކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވާހާއި ގުޅިގެން އަޑުން ގެނެސްދޭ އަހަރީ އުފާ ޝޯވގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ، ދިވެހިރާއްޖޭގެ އަޑު ކުރިއެރުވުމަށް ކުންފުނިން ގެންގުޅޭ ސިޔާސަތުތައް ޙިއްސާ ކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ އަޑަށް 63 އަހަރު ފުރުމާއި ގުޅުވައި، އަޑަށް ދެއްވި ބަސްތީގަތުމުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ، ދިވެހިންގެ ދިރިއުޅުމުގައި ދިވެހިރާއްޖޭގެ އަޑު އަދާކުރާ ދައުރަށް އަލިއަޅުވާލައްވާފައެވެ. އެމްޑީ ޝަކީބު ވަނީ، އަޑާއި ތަޜީހީ ލިއެކިއުންތަކަށް ހަވާލާ ދެއްވާ ދިވެހިން މިއަދު ފާހަގަކުރާ މިނިވަންކަން ހޯދުމުގައި އޭރުގެ ރޭޑިއޯ ވަރަށް ބޮޑު ދައުރެއް އަދާކުރިކަން ފާހަގަކުރައްވާފައެވެ. އަދި މިއީ، ރައްޔިތުންގެ އަޑު ގެނެސްދިނުމުގެ މަސައްކަތުގެ ފެށުން ކަމުގައި އެމްޑީ ޝަކީބު ވިދާޅުވިއެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑަކީ، ކޮންމެ ތަނެއްގައި ހުރެ ކޮންމެ މީހަކަށްވެސް އަޑު އަހާލެވޭ އެއްޗެއް ކަމަށް ވިދާޅުވެ، މިހާރުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް އަޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޒަމާނަށް އަންނަ ބަދަލާއެކު ޚިދުމަތުގެ ފެންވަރު އަބަދުވެސް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިމަގުން ކުރި އެއް މަސައްކަތުގެ ގޮތުގައި އެމްޑީ އިޝާރާތް ކުރެއްވީ، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް އިންޓަރނެޓް ލިބޭ ކޮންމެ ހިސާބަކުން ދިވެހިރާއްޖޭގެ އަޑު އަހާލެވޭ ގޮތްވުމެވެ.

ދިވެހިރާއްޖޭގެ އަޑަކީ، މިހާރު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނެއް ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި މިކަން ދެމެހެއްޓުމަކީ ދަތިކަމެއް ނޫންކަން ފާހަގަކުރައްވާ އެމްޑީ ވަނީ، އިތުބާރު ދެމެހެއްޓުމަށް ކުންފުނިން ގެންގުޅޭ ސިޔާސަތަކީ ކަމުގެ ހަޤީޤަތަށް ބަދަލެއް ނުގެނެސް ގެނެސްދިނުން ކަމަށް ވިދާޅުވެފައެވެ.

"ވަކިން ޚާއްސަކޮށް ޚަބަރު އަދި އުނގަނައިދިނުން. މި ދެ ކަންތައް މިއީ ވަކި ޒާތީ ތަޢައްސުބަކަށް އަޅުގަނޑުމެން ބުރަނުވެ، އެކަމެއް ހިނގައިދިޔަ ގޮތަށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ޚިދުމަތަށް ވިއްޔާ މިކިޔަނީ. ރައްޔިތުންގެ އިތުބާރު ލިބިފައި އޮތީ، އެކަން ކުރަންވާ ގޮތަށް ހަޤީޤަތާއި އެއްގޮތަށް ޚަބަރު ފޯރުކޮށްދެވުނީތީ އިތުބާރު ލިބިފައި އޮތީ. މިކަން ދެމެހެއްޓުމަށް އުނދަގޫ ކަމަކަށް ނުވާނެ. އިތުބާރު ލިބިފައި އޮތުމުން އެގޮތުގައި ދެމެހެއްޓީމަ އިތުބާރަށް ލޮޅުން އަރަންވީ ސަބަބެއް ނެތް. " ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޝަކީބު ވިދާޅުވިއެވެ.

އަޑުގެ އަހަރީ ދުވަހުގެ މުނާސަބާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި އެމްޑީ އަރިހުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔާމީން ރަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޑީއެމްޑީ ޔާމީން ދެއްކެވި ވާހަކަފުޅުގައި، ޒަމާނަށް އައި ބަދަލާއެކު އަޑުގެ އުފެއްދުންތައް ކްރޮސް ޕްލެޓްފޯމްކޮށް ނުވަތަ ޓީވީއަށްވެސް ގެނެސްދެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މިއާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަޑުގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މިހާރު މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

"މިހާރުވެސް ސްޓެރެންތު ރަނގަޅު ކުރުމަށް، މަސައްކަތް ކުރަމުންދަނީ. މިހާރު ހުރި ސަރަހައްދުތަކުގައި ސިގްނަލް ވަރުގަދަ ކުރަން މަސައްކަތް ކުރަނީ. އިތުރު 20 ސަރަޙައްދުގައި އެންޓެނާ ހަރުކޮށްފައި ހުރީ. " ޑީއެމްޑީ ޔާމީން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ މުސްތަޤުބަލް އޮންނާނެ ގޮތް ސިފަކުރައްވަމުން، އެމްޑީ ޝަކީބް ވަނީ ޚިދުމަތް ދިނުމުގައި ތަން ދޭ މިންވަރަކުން އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޒުވާން ޖޯޝުގައި ދުވަސްވީ ޚިދުމަތްތެރިންގެ ތަޖުރިބާ ހިމަނައިގެން ޚިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދީނާއި، ސަޤާފަތާއި، ދިވެހި ބަހަށް އިސްކަންދީގެ ޚިދުމަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ދިވެހިރާއްޖޭގެ އަޑުގެ މުސްތަޤުބަލު އޮންނާނެ ގޮތް ސިފަކުރައްވަމުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ވަނީ، ރޭޑިއޯއަކީ ފަޚުރެއްގެ ގޮތުގައި ބަލައިގެން ކުރިއަށްދާނެ ޖީލެއް ކުރިއަށް އޮތްތަނުގައި ފެންނާނެ ކަމުގެ އުއްމީދު އޮތްކަމަށް ވިދާޅުވެފައެވެ.

ޕަބްލިކް ސާރވިސް މީޑިއާ ކުންފުނީގެ ދަށުން ހިންގަމުންދާ ދިވެހިރާއްޖޭގެ އަޑަކީ، މި ކުންފުނީގެ ދަށުން މެދުކެނޑުމެއްނެތި ދެމުން އަންނަ އެންމެ ގިނަ ދުވަސްވީ ޚިދުމަތެވެ. މި ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކުންފުނިން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.