އިޔަރ އެންޑް ކުރިކެޓް މުބާރާތް ކުނަހަންދޫގައި ފަށައިފިއެވެ.
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގައި ހަތަރު ފިރިހެން ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. މިމަހުގެ 27 އިން އަންނަ ޖެނުއަރީމަހުގެ ނިޔަލަށް މިމުބާރާތް ކުރިއަށްދާއިރު މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ޓީމު ދޮންބަންޑާރަ، ޓީމު އަލި ރަސްގެފާނު، ޓީމު ވިޔަޒޯރު އަދި ޓީމު ހަސަންތަކުރެވެ.
މިމުބާރާތުގެ ކުޅުން ހޮނިހިރު ދުވަހު ފެށިއިރު، މުބާރާތް ފެށުމުގެ ގޮތުން ބައްދަލުކުރި މެޗުގައި ވާދަކޮށްފަވަނީ ޓީމު ދޮންބަންޑާރަ އަދި ޓީމު އަލި ރަސްގެފާނެވެ. މިމެޗު 7 ވިކެޓުން ކާމިޔާބުކޮށްފަވަނީ ޓީމު އަލި ރަސްގެފާނެވެ. މިމެޗުގަ އެޓީމުން އެންމެ ރަނގަޅަށް ކުޅެފަވަނީ 2 ވިކެޓުން 25 ލަނޑު ހެދި މުހަންމަދު ޢަބްދުއްލަޠީފްއެވެ. އަދި އިދިކޮޅުން ވާދަކުރި ޓީމު ދޮންބަންޑާރައިން އެންމެ ރަނގަޅަށް ކުޅެފަވަނީ 39 ލަނޑު ހެދި މުހަންމަދު އަޒީލްއެވެ.
މިމުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ލ. އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު (ލަރޭ) ބުނީ މުބާރާތަށް ލިބެމުންދާ ތަރުހީބު ބޮޑުކަމަށެވެ. މެޗުތައް ކުޅޭ ވަގުތު ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފޯރިގަދަކަމަށާއި މުބާރާތަށް ޓީމުތައް ތައްޔާރުވުމުގެ ގޮތުން ކުރިއާލާ ފަރިތަކޮށްފަވާކަމަށް އޭނާ ބުނެފަވެއެވެ.
15 އޯވަރަށް ކުޅޭ މިމުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް ސެމީފައިނަލު އަދި ފައިނަލުގައި ކުޅެ ޗެމްޕިއަން ޓީމެއް ކަނޑައަޅާ ގޮތަށެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި ފައިސާގެ އިނާމެއް ސީބީއެމްއިން ވަނީ ކަނޑައަޅާފައެވެ.
ކުނަހަންދޫގައި ކުރިއަށްދާ އިޔަރ އެންޑް ކުރިކެޓް މުބާރާތަށްފަހު އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކުރިކެޓު މުބާރާތެއްވެސް ފެށުމަށްވަނީ ތާވަލުކޮށްފައެވެ. މިމުބާރާތުގައިވެސް ހަތަރު ޓީމަކުން ވާދަކުރާނެއެވެ.