ޚަބަރު

ބަންގްލަދޭޝްގެ ދަރިވަރުންގެ ޕާޓީގެ ތެރޭގައި ބައިބައިވުން


ބަންގްލަދޭޝްގެ ޒުވާނުން އުފައްދާފައިވާ ސިޔާސީ ޕާޓީ، ނޭޝަނަލް ސިޓިޒެން ޕާޓީ (އެންސީޕީ)އިން އެ ޤައުމުގެ ދީނީ ފިކުރުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޖަމާޢާތީ އިސްލާމީއާއެކު ބައިއަތު ހިފުމުން ޕާޓީގެ ތެރޭގައި ނުތަނަސްކަމާއި ހިތްހަމަނުޖެހުން އުފެދިއްޖެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިޚް ޙަސީނާގެ ވެރިކަން ވައްޓައިލުމުގައި އިސް ދައުރެއް އަދާކުރި ޒުވާނުން އުފައްދާފައިވާ އެންސީޕީއަކީ އަވާމީ ލީގާއި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ފަދަ ޕާޓީތަކާ ތަފާތު ޕާޓީއެއް ކަމަށް އެ ޕާޓީން ދިޔައީ ބުނަމުންނެވެ. އެ ޕާޓީ އުފައްދާފައި ވަނީ ބޯދާ ވިސްނުންތަކާއި އުސޫލުތައް ދޫކޮށްލައި ޒުވާނުން ގަޔާވާ ފަދަ ދިމުޤުރާތީ ސިފަތަކެއް ގެންގުޅޭ ޕާޓީއަކަށް ވާނެ ކަމަށް ބުނެއެވެ.

ބަންގްލަދޭޝްގެ އާންމު އިންތިޚާބު ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެންސީޕީއީން ޖަމާޢަތީ އިސްލާމީއާ ގުޅުމަށް ނިންމުމާއެކު އެ ޕާޓީގައި އިސްކޮށް ޙަރަކާތްތެރިވާ 30އަކަށް ލީޑަރުން ވަނީ އެ ކަމާ ފާޅުގައި ދެކޮޅު ހަދައިފައެވެ. އެ ކަމާ ހިތްހަމަ ނުޖެހި ގިނަ ބަޔަކު ޕާޓީއިން ވަކިވެފައިވާއިރު، ޖަމާޢަތީ އިސްލާމީއާ އެންސީޕީން ގުޅުމަކީ ޕާޓީގެ ޒަމާނީ ރޫޙާ ޚިލާފު ކަމެއް ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.

ނަމަވެސް އެންސީޕީގެ ލީޑަރު ނާހިދު އިސްލާމް ވަނީ އެ ނިންމުން ދިފާޢުކުރައްވައިފައެވެ. ފަހުގެ ދުވަސްތަކުގައި އެ ޕާޓީއަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވާ ކަމަށް ފާހަގަކުރައްވައި ނާހިދު ވިދާޅުވީ އެ ނިންމުމަކީ އިންތިޚާބީ ހަމަޖެހުން ޤާއިމްކޮށް އެއްބައިވަންތަކަން ދެމެހެއްޓުމަށް ނިންމާފައިވާ އިސްތިރާޖީ ނިންމުމެއް ކަމަށެވެ.

ނަމަވެސް ފާޑުކިޔުންތެރިން ބުނީ އެ ނިންމުމުގެ ސަބަބުން ބޮޑަށް ފައިދާ ކުރާނީ އެންސީޕީއަށްވުރެ ބޮޑަށް ޖަމާޢަތީ އިސްލާމީއަށް ކަމަށާއި، ނިންމުމުގެ ސަބަބުން އެންސީޕީގެ އުސޫލުތައް ނެތި ދިޔުން އެކަށީގެންވާ ކަމަށެވެ.

އެންސީޕީގެ ނިންމުމުގެ ސަބަބުން ޕާޓީގެ ތެރޭގައި ބައިބައިވުން އިތުރުވެ ޒުވާނުންގެ މެދުގައި އެންސީޕީގެ މަޤުބޫލުކަން ކުޑަވުން އެކަށީގެންވެއެވެ. އަދި އެންސީޕީގެ ކުރިމަގާމެދު ވެސްަ ސުވާލު އުފެދެއެވެ.