ޚަބަރު

ޢިރާޤުގެ ޤަނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަޤާމަށް ހައިބަތު އަލް ޙަލްބޫސީ


ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމަށް ހައިބަތު އަލް-ޙަލްބޫސީ އިންތިޚާބުކޮށްފިއެވެ. އޭނާ އެ މަޤާމަށް އިންތިޚާބުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވިި އެ ޤައުމުގެ ޤައުމީ އިންތިޚާބަށް ފަހު ބާއްވާފައިވާ ޤާނޫނުހަދާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ 283 ވޯޓުގެ ތެރެއިން 208 ވޯޓު ހަލްބޫސީއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މަޖިލީހުގެ ރައީސްގެ ދައުރަކީ އެ މަޖިލީހުގެ ތަރުތީބު ބަލަހައްޓައި، ކުރިމަތިވާ މައްސަލަތަައް ޙައްލު ކުރުމާއި ޢާންމު ގޮތެއްގައި ދެބަސްވުން ގިނަ ޢިރާޤުގެ ސިޔާސީ ނިޒާމު އެއްގަލަކަށް އެރުވުމެވެ.

ޢިރާޤުގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން މަޖިލީސް ހުޅުވާ ދުވަހު އެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސުން ހޮވަން ޖެހެއެވެ. އެއަށްފަހު 30 ދުވަހުގެ ތެރޭގައި ޤައުމުގެ ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރަން ޖެހެއެވެ. އެއަށްފަހު ރައީސްގެ މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ބަޔަކާ ޙަވާލުކުރާނެއެވެ.

މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ބޮޑު ވަޒީރު މުޙައްމަދު ޝީޢާ އަލް ސޫދާނީއާ ގުޅުންހުރި ބޭފުޅުންނެވެ.