ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއި ކުޅިވަރު ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހަންމަދު ދިލްޝާން ޢަބްދުﷲއެވެ. އަދި ސިވެކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަހުމަދު ޒުބައިރުއެވެ.
ރޭ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރަންޖެހިފައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ އދ. ފެންފުށީ ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމާއި، އދ. އޮމަދޫ ހޭންޑްބޯޅަ ކޯޓު ޤާއިމްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ބ. ކަމަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރެވިގެންދާއިރު، ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑާއި އެރަށުގެ ވޮލީކޯޓުވެސް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.
ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުމާއި، ހއ. ދިއްދޫ ސްވިމިން ޓްރެކް ޤާއިމްކުރުމުގެ އިތުރުން ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުންވެސް މިމަޝްރޫޢުގެ ތެރޭގައި ހިމަނާފައިވެއެވެ. މިމަޝްރޫޢުގެ ދަށުން ކުރިއަށްދާނެ އިތުރު މަސައްކަތްތަކުގެ ތެރޭގައި ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއި، ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ އިތުރުން މ. ވޭވަށް ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
ނ އަތޮޅުގައިވެސް ނުވަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖައްސާފައެވެ. އެއީ އެއަތޮޅު ހޮޅުދޫގައި ހޭންޑްބޯޅަ އަދި ފުޓްސަލް ކުޅުމަށް ތަރައްޤީކުރާ މަލްޓި ޕާޕަސް ދަނޑު ޤާއިމްކުރުމާއި، ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމެވެ. އަދި ނ. ޅޮހި ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމާއި އެރަށުގައި ހޭންޑްބޯޅަ އަދި ފުޓްސަލް ކުޅުމަށް ތަރައްޤީކުރާ މަލްޓި ޕާޕަސް ދަނޑު ޤާއިމްކުރުމާއި ހަމަ އެރަށުގައި އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މީގެ އިތުރުން މަގޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއި މަނަދޫ އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
ނ. އަތޮޅުގައި ކުރިއަށްދާނެ އިތުރު މަސައްކަތުގެ ތެރޭގައި ހިމެނެނީ ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުމާއި މިލަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމުގެ މަސައްކަތާއި ވެލިދޫގައި ހޭންޑްބޯޅަ އަދި ފުޓްސަލް ކުޅުމަށް ތަރައްޤީކުރާ މަލްޓި ޕާޕަސް ދަނޑުގެ މަސައްކަތެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ކުޅިވަރު ވުޒާރާއި ސިވެކްއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދެން ކުރިއަށްދާނެ މަސައްކަތަކީ ވ. ފުލިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. އެގޮތުން މިފަދަ ގިނަގުނަ މަޝްރޫއުތައް ނިންމުމަށް އެކި ކުންފުނިތަކާއި މިހާރުވެސް ހަވާލު ކުރައްވާފައެވެ.