ޒަކާތުގެ ޤާނޫނާއެކު މުދަލު ޒަކަތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރީޓީއަށް ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މޯލްޑިވްސް އިނެލޭންޑް ރެވެނިއު އޮތޯރިޓީން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރުއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތާބެހޭ ޤާނޫނު މާދަމާ ތަންފީޒް ކުރަންފަށާނެކަން ފާހަގަކުރައްވާފައެވެ. އަދި ޒަކާތު ހައުސްއަށް ޤާނޫނީ ހައިސިއްޔަތު ލިބިގެން ދިޔައީ ވަރަށް ގިނަ ދުވަސްވަންދެން ކުރި މަސައްކަތުންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީރާއާއި ޒަކާތު ހައުސްއިން ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުން ޒަކާތް ބަލައިގަތުމުގެ މަސައްކަތް 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އައީ މިރާއިންނެވެ. އޭގެ ކުރިން ޒަކާތުގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންކަމަށެވެ. އަދި އޭގެ ކުރިން އެ މަސައްކަތް ބަލަހައްޓަމުން ދިޔައީ އިސްލާމީ ކަންތައްތައް ތަކާ ބެހޭ މަތީ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ.
ވަޒީރުގެ ވާހަކައިގައި ވަނީ ޒަކާތުގެ ޤާނޫނާއިއެކު ޒަކާތު ކައުންސިލްގައި މިރާ ތަމްސީލްކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވާފައެވެ. މިއީ ކުރިން އޮންނަ ގޮތެއްނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޒަކާތުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ދެ މުޢައްސަސާ ގުޅިގެން މަސައްކަތް ކުރެވޭނެކަމަށެވެ.
"ޒަކާތުގެ ކަންކަމުގެ އިތުރުން ޞަދަޤާތުގެ ކަންކަމުގައާއި ވަޤުފު ފަންޑުތަކަށް ފައިސާ ޖަމާކުރުމުގެ ކަންކަމުގައިވެސް މީރާއިން ވަނީ ވަރަށް މަތީ ދަރަޖައިގައި އެއްބާރުލުން ދެއްވާފައި. ޞަދަޤާތް ކުރުމުގެ ތެރެއިން ވަޤުފަށް އެހީވުމުގެ ތެރެއިން ފައިސާ މިނިސްޓްރީއަށް ޞަދަޤާތްކޮށް ވަޤުފުކަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހައިން މިކަން ކުރެވޭނެ އިންތިޒާމްތައް މިނިސްޓްރީއާ ގުޅިގެން މީރާއިން އޮތީ ޤާއިމްކޮށްދީފައި." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވަނީ މީގެ ކުރިން އެ އިދާރާއިން މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިނަމަވެސް ޤާނޫނެއްގެ ދަށުން އެ މަސައްކަތް ހަވާލުކުރުމުން އެއީ ބޮޑު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މިއާއެކު ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ޓެކްސްއާއި ފައިސާ ދެއްކުމުގައި މީރާއިން ގެންގުޅޭ މޮތީއެއް މިއީ، ކޮންމެ ތާކު ތިބެ ކޮންމެ ވަގުތަކުވެސް ފައިސާ ދެއްކޭނެ ފަދަ ފުރުޞަތު މީރާގައި އޮތުން. ކުރިއަށް އޮތް 4 އަހަރު ސްޓްރެޓެޖިކް ޕްލޭންގައި އިސްކަމެއް ދިފައިވާނެ ޑިޖިތަލައިޒްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމަށް. މީގެ ތެރޭގައި ޒަކާތުގެ ކަންކަން ކުރިއެރުމުގެ ބައި ހިމަނާފައިވާނެ." ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވިއެވެ.
ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. ޒަކާތުގެ ޤާާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤުޞަދެކެވެ.