ބައިނަލްއަޤްވާމީ ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، 2026ވަަނަ އަހަރުގެ ތެރޭގައި ވިލާތުގެ މަސްލަހަތު ކުރިއަރުވައި ޞުލްޙަ ދެމެހެއްޓުމަށް ހަރުދަނާ މަސައްކަތްތައް ކުރުމަށް ޖަރުމަނުވިލާތުގެ ޗާންސެލަރު ފްރީޑްރިޗް މަރޒް ވިލާތުގެ ޤައުމުތަކަށް އިސްތިމާސްކުރައްވައިފިއެވެ.
އައު އަހަރާ ގުޅިގެން ދެއްވި ހިޠާބުގައި މަރޒް ވަނީ ވިލާތުގެ ޤައުމުތަކަށް ރަޝިޔާގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކާއި، ކޮންމެ ޤައުމަކުން ވެސް އަމިއްލަ މަސްލަހަތު އިސްކުރުމާއި ވިލާތާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމަށް އަންނަމުންދާ ބަދަލުތައް ފާހަގަކުރައްވައިފައެވެ.
މަރޒް ވިދާޅުވީ ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ބައްރުގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ ކަމަށެވެ. ޖަރުމަނުވިލާތަށް ވެސް ސައިބާ ޙަމަލާތަކާއި ޖާސޫސީ ޙަމަލާތަކާއި އެ ފަދަ ތަފާތު އެކި ޙަމަލާތައް ތަކުރާރުކޮށް އަމާޒުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަމިއްލަ އިސްނެގުމާއެކު އަދި އިތުބާރާއެކު އަމިއްލަ ދިފާޢުގައި ވިލާތުން ވެސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮންޖެހުންތައް ފާހަގަކުރައްވައި މަރޒް ވިދާޅުވީ ޖަރުމަނުވިލާތުން ބޭރު ޤައުމުތަކުން އެތެރެކުރާ މަުދަލަށް ބަރޯސާވެފައި އޮތް އޮތުމަކީ ސިޔާސީ ހަތިޔާރަކަށް ވެފައިވާ ކަމަށެވެ. ވިލާތުގެ އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޖަރުމަނުވިލާތުގެ އިޤްތިޞާދު ކުރިއެރުމަށް ހުރަސްއެޅިފައި ވަނީ އެދެވޭ އިސްލާހީ ބަދަލުތައް ގެނެވިފައި ނުވާތީ އާއި އިންވެސްޓުމަންޓްތައް ނުލިބޭތީ ކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.
އެމެރިކާއާއި ވިލާތާ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުވާލައްވައި މަރޒް ވިދާޅުވީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް އަލުން ޙަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާއާއެކު އޮންނަ ގުޅުން ހީނަރުވެފައިވާ ކަމަށެވެ. އެހެންކަމުން ސަލާމަތީ ކަންކަމަށް އިތުރު ބައެއްގެ މައްޗަށް ބަރޯސާ ނުވެ އަމިއްލަ ދިފާޢުގައި މަސައްކަތްކޮށް އަމިއްލަ މަސްލަހަތު ރައްކާތެރިކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.