ޚަބަރު

އުންރުވާގެ މަރުކަޒުތަކަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ޔަހޫދީން ހުރަސްއަޅަނީ


ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ، އުންރުވާގެ މަރުކަޒުތަކަށް ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ހުރަސްއަޅާ ޤާނޫނެއް ޔަހޫދީން ފާސްކުރުމާ ގުޅިގެން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިޔޯ ގުތޭޚެޝް އެ ކަން ކުށްވެރިކުރައްވައިފިއެވެ.

ސެކެޓްރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފާން ޔުޚަޚިކް ވިދާޅުވީ ޔަހޫދީން ފާސްކުރި ޤާނޫނަކީ އދއަށް ލިބިދޭ އިމްތިޔާޒުތައް ބަޔާންކުރާ މުއާހަދާއާ ފުށުއަރާ ޤާނޫނެއް ކަމަށެވެ. އުންރުވާއަކީ އދގެ މުހިންމު ގުނަވަނެއް ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ މުއާހަދާގެ ދަށުން އުންރުވާގެ މުދަލާއި މުވައްޒަފުން ރައްކާތެރިކޮށްދޭ ކަމަށެވެ. ޔަހޫދީންގެ ނިންމުމުގެ ސަބަބުން އުންރުވާގެ މަސައްކަތްތަކަށް އިތުރަށް ހުރަސްއެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަރަޒިނީ ވެސް ވަނީ އެ ޤާނޫނަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޔަހޫދީން ފާސްކުރި ޤާނޫނަކީ އެ އިދާރާގެ އަގު ވައްޓާލައި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އުންރުވާއިން ކުރާ އިންސާނީ މަސައްކަތަށް ހުރަސް އެޅުމަށް ޔަހޫދީން ރޭވުންތެރިކަމާއެކު އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

2024ވަނަ އަހަރުގެ ތެރޭގައި ޔަހޫދީ ޤާނޫނުހަދާ މަޖިލީހުން ވަނީ ޔަހޫދީ ދައުލަތުގައި އުންރުވާއަށް ޙަރަކާތްތެރި ނުވެވޭނެ ކަމަށް ކަނޑައަޅައިފައެވެ. އަދި އެ އިދާރާއާ ރަސްމީ ސިފައެއްގައި މުއާމަލާތުކުރުން ވެސް ވަނީ މަނާކޮށްފައެވެ. ޔަހޫދީން އެ ގޮތަށް ނިންމި ނަމަވެސް އުންރުވާއިން ދަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ޙަރަކާތްތެރިވަމުންނެވެ. އިރުމަތީ ޤުދުސްއަކީ ޔަހޫދީ ބިމެއްގެ ގޮތުގައި އދން ބަލައެއް ނުގަނެއެވެ.

ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ މީހުންގެ އިތުރުން ޢު
ރުދުންއާއި ލުބުނާންއާއި ސޫރިޔާގައި ދިރިއުޅޭ ފަލަސްޠީނުގެ އެތަައް މިލިޔަން ރެފިޔުޖީންނަށް އުންރުވާއިން އެހީތެރިކަން ފޯރުކޮށްދެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ޔަހޫދީން އުންރުވާއަށް ދަނީ އެކި ގޮތްގޮތުން ދަތި ކުރަމުންނެވެ.