ޚަބަރު

ޓެކްސް ބޮޑުކޮށްގެން ގެއްލުންވާނެކަމަށް ބުނި ފަތުރުވެރިކަމަށް ލިބުނީ ކުރިއެރުން


  • ޓެކްސް ބޮޑުކުރުމުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި

  • 2025ގައި ރެކޯޑު އަދަދަކަށް ފަތުރުވެރިން ވަނީ ރާއްޖޭގައި ފައިސާ ހޭދަކޮށްފައި

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކްސްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމީ 2024ވަނަ އަހަރުއެވެ. މިއާއެކު 2025ވަނަ އަހަރު ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޓީޖީއެސްޓީ އާއި އެއަރޕޯޓް ޑެވެލޮޕްމަންޓް ފީ އަދި ގްރީން ޓެކްސް ބޮޑުކުރިއެވެ.

ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ބިލު ހުށަހެޅުމާއެކު އިދިކޮޅު ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. މިއީ ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މަދުވެ، ފަތުރުވެރިކަމުގެ ސިނާޢަތުން ދަޢުލަތަށް ލިބެމުން އަންނަ އާމްދަނީ ދަށްވެގެންދާނެ ބަދަލެއް ގޮތުގައި އޭރު އެކި ފަރާތްތަކުން ބުންޏެވެ. ނަމަވެސް 2025ގައި ޓެކްސް ބޮޑުކުރެވި، އަހަރު ނިމިގެންދިޔައިރު ފެންނަން އޮތީ މުޅިން ތަފާތު މަންޒަރެކެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން އާންމުކުުރައްވާފައިވާ ރާއްޖޭގެ އިޤްތިސާާދީ ހާލަތުގެ ރިޕޯޓަށް ބަލާއިރު މި ނިމުނު އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިން ވަނީ ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8 ގެ އިތުރު އަދަދެކެވެ.

މި އާމްދަނީންވެސް ސާބިތުކޮށްދެނީ ދުނިޔޭގެ މާކެޓުގައި މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހޯދާފައިވާ އިތުބާރުގެ ވަރުގަދަކަމެވެ. ސަރުކާރުން ޓެކްސްތައް ބޮޑުކުރަން ނިންމީ ދިރާސާތަކަށްފަހު، ޓެކްސް ބޮޑުކުރުމުގެ ސަބަބުން ދައުލަތަށް ގެއްލުން ނުވާނެކަން ކަށަވަރު ކުރުމަށްފަހުކަންވެސް މިއަދަދުތަކުން ހާމަވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުމަކީ ރާއްޖެއަށް މިލިޔަނުން ފަތުރުވެރިން ޒިޔާރަތް ކުރިނަމަވެސް އެ ފަތުރުވެރިންގެ ފަރާތުން ރާއްޖެއަށް ލިބޭ އާމްދަނީއަށް އޭގެ ހެޔޮ އަސަރެއް ނުކުރުމެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކަށްފަހު އަހަރެއް އިތުރުވިނަމަވެސް އާމްދަނީ އެއް ހަމައެއްގައި ހުރުމުން ހަގީގީ މާނައިގައި ރާއްޖެއަށް އެ ސިނާޢަތުގެ ފައިދާ ނުލިބެއެވެ. ނަމަވެސް މިހާރު ފެންނަން ފަށާފައިމިވަނީ ރަނގަޅު ބަދަލުތަކެކެވެ.

ނިމުނު އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2024ވަނަ އަހަރާ އަޅާބަލާއިރު %10 އިތުރުވެފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ޓެކްސް ބޮޑުކުރުމުގެ އަސަރު ނުކުރާކަން ހާމަވަގެންދެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމެވީ ދިވެހި ރައްޔިތުންނަށް އޭގެ އެއްވެސް ބުރައެއް ނުޖައްސައި ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްތަކުގެ އިތުރުން އާންމު މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ ކުރީގެ ސަރުކާރުތަކުން ބޮޑުކުރި ނަމަވެސް އަދުގެ ސަރުކާރުން ނިންމެވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސް އެކަނި ބޮޑުކޮށްގެން އާމްދަނީ އިތުރު ކުރުމަށެވެ.

އަދުގެ ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ ސިނާޢަތުން ދައުލަތަށް ލިބޭ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުމެވެ. އެމަގަށް ކުރެވޭ މަސައްކަތުން މިވޭތުވެ ދިޔަ ދެ އަހަރު ތެރޭ މި ސިނާޢަތަށް 6،665 އެނދު ޚިދުމަތަށް ވަނީ ނެރެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިނުވާ އަތޮޅުތަކުގައި އެ ދާއިރާ ކުރިއެރުވުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ސަރުކާރުން ބޭނުންވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެ ސިނާޢަތުން ދައުލަތަށް ލިބޭ އާމްދަނީން ފެނިގެންދިއުމެވެ.