ޚަބަރު

ބީޗްވޮލީ އާއި ހޭންޑްބޯޅައިގައި ކާމިޔާބީ ހޯދޭނެ: ތަމޫހު


ކުރިއަށް އޮތް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެއަށް، ބީޗް ވޮލީބޯޅައާއި ބީޗް ހޭންޑްބޯޅައިން ރަނގަޅު ކާމިޔާބީތަކެއް ހޯދިދާނެކަމަށާއި އެކަމަށް އުއްމީދުކުރެވޭކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖެއިން ބައިނަލްއަގްވާމީ ފަސް ގޭމްސްއެއްގައި ވާދަކުރާނެކަން މިހާރު ޔަގީންވެފައިވެއެވެ. އެއީ ޗައިނާގައި އޮންނަ އޭޝިއަން ބީޗް ގޭމްސްއާއި ސްކޮޓްލޭންޑުގައި އޮންނަ ކޮމަންވެލްތު ގޭމްސްގެ އިތުރުން ޔޫތު އޮލިމްޕިކްސްއާއި އޭޝިއަން އޮލިމްޕިކްސް އަދި އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްއެވެ.

މި ގޭމްސްތަކުގެ ތެރެއިން ޔޫތު އޮލިމްޕިކްސްއާއި ކޮމަންވެލްތު ގޭމްސް ފިޔަވައި ދެން ހުރި ގޭމްސްތަކުގައި ރާއްޖެއިން ގިނަ އެތުލީޓުންތަކެއް ބައިވެރިވާއިރު، މިއަހަރު ވެގެންދާނީ އެމްއޯސީއަށް ނުހަނު ބުރަ އަހަރަކަށެވެ.

މި އަހަރަށް އެމްއޯސީން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތަމޫހު ވިދާޅުވީ، އެމްއޯސީން މަސައްކަތްކުރަމުންދަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މެނޭޖްމަންޓާއި ޓީމުތަކުގެ މެނޭޖަރުންގެ ގޮތުގައި ދާ ފަރާތްތަކަކީ ވަކި ސްޓޭންޑަޑެއްގައި މަސައްކަތްކުރާ ފަރާތްތަކަކަށް ހެދުން ކަމަށެވެ. އެ މަސައްކަތް ނުކުރެވިއްޖެނަމަ، އެތުލީޓުންނަށް އެންމެ މަތީ ފަންތީގައި ޕާފޯމްކުރުމުގައި ދަތިތަކެއް ދިމާވާނެކަން ތަމޫހު ފާހަގަކުރެއްވިއެވެ.

ކުރިއަށް ހުރި ގޭމްސްތަކުގައި ރާއްޖެއިން ކުރާ އުއްމީދުތަކާ ގުޅޭގޮތުން ޕްރޮގްރާމުގައި ވާހަކަދައްކަވުމުން ތަމޫހު ވިދާޅުވީ، ފާއިތުވީ ދުވަސްތަކުގައި ބީޗް ވޮލީގައި ރާއްޖޭގެ އެތުލީޓުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައި، މި ކުޅިވަރުގައި ކުރިއަށް ހުރި ގޭމްސްތަކުގައި ކާމިޔާބީތަކެއް ހޯދޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ތަމޫހު ފާހަގަކުރެއްވިގޮތަށް، ރާއްޖޭގެ ބީޗް ވޮލީގެ ސީނިއަރ ގައުމީ ޓީމުން ވަނީ ސަންޑޭ ޝޭޑްސް ސިންގަޕޯ ބީޗް ވޮލީ ޗެމްޕިއަންޝިޕް މުބާރާތުގައި ރިހި މެޑަލް ހޯދާފައެވެ. މި ކާމިޔާބީ ހޯދައިދިނީ އާދަމް ނަސީމް (އެޑަމް) އާއި ޝާޙް އިސްމާޢީލް އެވެ. އޭގެކުރިން ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައި ވެސް އަދި ކާވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ވެސް ދިވެހި އެތުލީޓުން ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

ތަމޫޙުގެ ވާހަކައިގައި، ބީޗް ހޭންޑްބޯޅައިގައި ރާއްޖޭގެ ކުޅުންތެރިން ހޯދަމުން އަންނަ ކުރިއެރުމުގެ ވާހަކަވެސް ފާހަގަކުރެއްވިއެވެ. ފުރަތަމަ ފަހަރަށް ބޭއްވި ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ރާއްޖެއިން ހޯސްޓުކުރިއިރު މި މުބާރާތުގައި ދިވެހި ޓީމުން ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ. މި މުބާރާތް އޮތީ ކުޅުދުއްފުށީގައެވެ.

"ވަރަށް ފާހަގަކުރެވޭ ވަރަށް ބޮޑު ކޮމްޕެޓިޝަންއެއް ބީޗް ވޮލީބޯޅައިގައި ވެސް އަޅުގަނޑުމެންގެ އެތުލީޓުން ވަރަށް ރަނގަޅު ޕާފޯމަންސެއް އެބަދައްކާ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި. ހަމައެއާއެކުގައި ކުޅުދުއްފުށީގައި ބޭއްވުނު ކޮމަންވެލްތު ހޭންޑްބޯޅަ ޗެމްޕިއަންޝިޕަކީ އަޅުގަނޑުމެންގެ ޓީމު ވަރަށް ރަނގަޅު ކުޅުމެއް ދެއްކި މުބާރާތެއް. އެހެންވީމަ އަޅުގަނޑުމެން ގަބޫލު މިކުރަނީ ބީޗް ހޭންޑްބޯޅައަކީ ވެސް އަޅުގަނޑުމެންނަށް ހަމަ ވަރަށް ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ނޫނީ ރަނގަޅު ހިސާބަކަށް އަޅުގަނޑުމެންނަށް ގޭމްސްގަ ދެވޭނެ ކުޅިވަރެއްކަމަށް'' ތަމޫހު ވިދާޅުވިއެވެ.

ތަމޫހު އިތުރަށް ވިދާޅުވީ ކޮމަންވެލްތު ގޭމްސްގައި މިފަހަރު އޮތީ އެންމެ 10 ކުޅިވަރުކަމަށްވާއިރު، ރާއްޖެއިން ބައިވެރިވެވެން އޮތީ ތިން ކުޅިވަރެއްގައި ކަމަށެވެ. އޭގެތެރެއިން ނެޓްބޯޅައަކީ ކޮލިފިކޭޝަން ކުޅިވަރެއް ކަމަށާއި އެހެންކަމުން އެ ކުޅިވަރުގައި ވެސް ރާއްޖެއަށް ބައިވެރިނުވެވޭ ކަމަށެވެ. އެހެންކަމުން އެ ގޭމްސްގައި ރާއްޖެއިން ބައިވެރިވާނީ ހަމައެކަނި ސްވިމިންގ އާއި އެތުލެޓިކްސްގައިކަމަށް ވެސް ތަމޫޙު ވިދާޅުވިއެވެ.

ޔޫތު އޮލިމްޕިކްގައި ކުރިއަށް ގެންދާނީ ކޮން ކުޅިވަރުތަކެއްކަން އެ ގޭމްސް އިންތިޒާމްކުރާ ފަރާތުން އަދި ނިންމާފައި ނުވާކަމަށާއި އޭޝިއަން ގޭމްސްގައި ސަރފިންގައި ރާއްޖެއިން ދެ ސްލޮޓު ހޯދާފައިވާކަމަށް ވެސް ތަމޫޙު ވިދާޅުވިއެވެ.

ޓީޓީއާއި ބެޑްމިންޓަނަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެއިން ރަނގަޅު ކާމިޔާބީތަކެއް ހޯދާ ކުޅިވަރުތަކެއްކަމަށްވީ ނަމަވެސް، މި ސަރަހައްދުގައި އެ ކުޅިވަރުތަކުން ވަރަށް ވަރުގަދަ، ދުނިޔޭގެ ފެންވަރުގެ އެތުލީޓުންތަކެއް ތިބުމާއެކު، އެ ކުޅިވަރުތަކުން ގޭމްސްގައި އެހާ ކުރިއަށްދިއުމުގެ ފުރުސަތު އަދި ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެތުލެޓިކްސްއަށް ބަލާއިރު ވެސް މީގެކުރީގެ ގޭމްސްތަކުގައި ރަނގަޅު ނަތީޖާތަކެއް ރާއްޖެއިން ހޯދާފައިވާކަން ތަމޫޙު ފާހަގަކުރެއްވިއެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، އެމްއޯސީން ވަކި ޓާގެޓްތަކެއް ކަނޑައެޅުމުގެ ބަދަލުގައި، ބައިވެރިވާ ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކުން ކަނޑައަޅާ ޓާގެޓަށް ވާސިލްވުމަށް ވެވެން އޮތް އެހީތެރިކަމެއް ވެދީ، ދޭންޖެހޭ އެއްބާރުލުމެއް އެމްއޯސީން ދޭނެކަމުގެ ޔަގީންކަން ތަމޫޙު ވަނީ ދެއްވާފައެވެ.