ޚަބަރު

ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294,937 މީހުންނަށް


  • ވޯޓުލާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ވަނީ ހުޅުވާލާފައި

  • ވޯޓުލުމުގެ ޙައްގު ލިބެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށް

އަންނަ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުރިއަށް އޮތް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުން ލިސްޓް އާންމުކޮށް، އަދި ޝަކުވާއަށް ހުޅުވާލާފައެވެ. އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނެއް ނުވަތަ ފޮށި ބަލަން ބޭނުންވާ ފަރާތްތަކަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެންވެސް ބަލާލެވޭނެއެވެ.

ވޯޓުލާ މީހުންގެ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ މި މަހުގެ 18ވާ އާދީއްތަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ މި މުއްދަތުގައި ލިސްޓް ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ނުވަތަ ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުން ނެގޭ.

މި އިންތިޚާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭނީ ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.

އޭޕްރިލް މަހު ބާއްވާ އިންތިޚާބުގައި ސިޓީ ކައުންސިލްތަކުގައި އިންތިޚާބު ކުރާ ކައުންސިލަރުންގެ އަދަދު ތަފާތުވާނެއެވެ. އެގޮތުން ސިޓީތަކުގައި ދާއިރާތައް ކަނޑައަޅާފައިވާގޮތުން ކުޅުދުއްފުށި ސިޓީއަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭއިރު ތިނަދޫ ސިޓީއަށް 7 ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް 9 ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އަދި މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭނެއެވެ.