އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 621 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ވޯޓު ފޮށިތަކުގެ ތަފްސީލް އާންމުކޮށްފައިވާއިރު މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންތިޚާބުތަކުގައި މީހުން ދިރިއުޅޭ އިދާރީ ރަށްތަކުގެ އިތުރުން ސިނާޢީ މަސައްކަތް ކުރާ ތަންތަނާއި، ޖަލާއި، ރިސޯޓުތަކުގައިވެސް ވޯޓު ފޮށި ބަހައްޓައެވެ. އެގޮތުން، މިފަހަރުގެ އިންތިޚާބުގައި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ 2 ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި މިއަހަރު ބާއްވާ އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުންނެވެ.
މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.