ޚަބަރު

މިއަދު ވެސް ނުރައްކާތެރި މިންވަރަށް ވައި ނުސާފު


  • ވައި ނުސާފުކަމުގެ މިންގަނޑު މިއަދު ހުރީ 157އާއި 167އާ ދެމެދު

  • މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ވަނީ ޢިލްތިމާސްކޮށްފައި

މިއަދުވެސް ރާޢްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖެ ސަރަޙައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެއެވެ.

ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކުގައެވެ. މި މޫސުމުގައި އިއްޔެއަކީ، ރާއްޖެއަށް އެންމެ ބޮޑަށް ވައި ނުސާފުވި ދުވަހެވެ. ވައިސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ. އިއްޔެ މި އަދަދު 190 އިން މައްޗަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މަޢުލޫމާތު ދީފައިވެއެވެ. ވައި ނުސާފުވުމުގެ ސަބަބުން އިއްޔެ ދުރު ފެންނަ މިންވަރު ހުރީ، 1.5 ކިލޯމީޓަރުގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.

މިއަދުވެސް މުޅި ރާއްޖެއަށް ވައި ނުސާފެވެ. އެޗްޕީއޭއިން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ވައިނުސާފު ކަމުގެ މިންވަރު މިއަދު ކޮންމެވެސް މިންވަރަކަށް ވަނީ ދަށްވެފައެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފެވެ. ކ.ވިލިނގިލި، ދ.ކުޑަހުވަދޫ، ލ.ގަން އަދި ފުވައްމުލައް ސިޓީއިން ނަގާފައިވާ މަޢުލޫމާތަށް ބަލާއިރު ވައިގެ ނުސާފުކަން ހުރީ، ނުރައްކާވާ މިންގަނޑެއްގައެވެ. އެއީ، 157 އާއި 167 އާ ދެމެދުގައެވެ.

ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ވައިގެ ނުސާފުކަން ހުރީ، ނާޒުކު ޙާލަތުގައިވާ ފަރާތްތަކުގެ ސިއްޙަތަށް ނުރައްކާ މިންވަރުގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އިއްޔެ އަށްވުރެ މިއަދު ދުރު ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އިއްޔެ ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރުގައި ހުރި ނަމަވެސް މިއަދު ދުރު ފެންނަ މިންވަރު ވަނީ 3 ކިލޯމީޓަރަށް އިތުރެވެފައެވެ. ނަމަވެސް މި އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ވައިގެ ނުސާފު މިންވަރު މިހާރު ހުރީ، ސިއްޙަތަށް ނުރައްކާވާ މިންވަރެއްގައެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ސިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ. އެހެންކަމުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، އަދި ނިކުންނައިރުވެސް އެން.95 މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ ޢިލްތިމާސްކޮށްފައެވެ.