ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމަށް ހުޅުވާލައިފި


  • މިހާތަނަށް 350އަށްވުރެ ގިނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދީފައިވޭ

  • ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ގިނަ ފުރުޞަތުތަކެއް ދަނީ ފަހިކޮށްދެމުން

ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، މުޖުތަމަޢު ބަލައިގަންނަ އަދި ހަމަހަމަ ފުރުޞަތުތައް ފަހިކަމާއެކު ލިބޭ ބަޔަކަށް ހެދުމަށް މި ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން ތަފާތު ޕްރޮގްރާމްތައް ފަށާފައިވާއިރު، "ޖޮބް ރެޑިނަސް" ޕްރޮގްރާމަކީ ވަރަށް ޚާއްޞަ އިސްކަމެއްދީގެން ފަށާފައިވާ ޕްރޮގްރާމެކެވެ.

މި ވޭތުވެދިޔަ 2 އަހަރު، ނުކުޅެދުންތެރިކަން ހުންނަ 350 މީހުންނަށް ވަނީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޖޮބް ރެޑިނަސް" ޕްރޮގްރާމްގައި، ވަޒީފާގެ މާޙަޢުލުގައި ޢަމަލުތައް ބަހައްޓާނެ ގޮތާއި، ގުޅިގެން މަސައްކަތް ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި އަދި މަސައްކަތުގެ މާޙައުލުގެ ޢާއްމު ހުނަރުތަކަށް ހޭލުންތެރިކޮށް އަހުލުވެރިކުރުން ހިމެނެއެވެ.

މިފަދަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ދަނީ ފަހިކޮށްދެމުންނެވެ. އެމްޕީއެލް، ސްޓެލްކޯ އަދި ސަރުކާރު ޙިއްސާވާ ބައެއް އެހެން ކުންފުނިތަކުންވެސް އަންނަނީ، އެކި ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ދެމުންނެވެ.

މީގެ ތިންވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، އެވުޒާރާގެ ސޯޝަލް މީޑިއާގައި ހިމަނާފައިވާ ލިންކް އަދި ކިއު އާރް ކޯޑް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅޭނެއެވެ. މިއީ، 6 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.