ދިވެހި ރާއްޖޭގައި ފަތުވެރިކަން ފެށުނީ 1972 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ހުޅުވި ރިސޯޓަކީ ކުރުނބާ މޯލްޑިވްސްއެވެ. ދެވަނައަށް ޚިދުމަތްދޭން ފެށި ބަނޑޮސް އައިލެންޑް ރިސޯޓާއެކު އޭރު ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތުގެ އެނދުގެ އަދަދަކީ 280އެވެ. ނަމަވެސް ފަތުވެރިކަމުގެ ސިނާޢަތް ކުރިއަރައި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުގެ ގޮތުގައި މިވަނީ ވެފައެވެ. މިހާރު ރާއްޖޭގެ އެކި ސަރަޙައްދުގައި ޖުމްލަ 100 އަށްވުރެ ގިނަ ރިސޯޓް ދަނީ ހިންގަމުންނެވެ. މިއާއެކު ރިސޯޓްތަކުގެ އެނދުގެ އަދަދު މިވަނީ ތޭވީސް ހާހަށްވުރެ އިތުރުވެފައެވެ.
ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތަށް 44 އަހަރުވެފައިވާއިރު ފަތުރުވެރިކަމުގެ ސިނާއަތުން މިވަނީ ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދާފައެވެ. ރާއްޖެއަށް މިއަހަރު 1.5 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ. މިއާއެކު މިއަހަރު ފާހަގަކުރާނީ ވިސިޓް މޯލްޑިވްސް އިޔަރގެ ގޮތުގައިކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. މިކަންކަމަށް މަގުފަހިކުރެއްވުމަށް މިއަހަރު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވި ފަތުރުވެރިކަމުގެ ފެއަރތަކުގައި ރާއްޖެއިން ބައިވެރިވަނީ ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިއާއެކު މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެކި ކަހަލަ ހުރަސްތައް ނައްތާލާ މި ސިނާއަތް އިތުރަށް ކުރިއެރުވުމަށް ޓޫރިޒަމް މާކެޓިންގ މާސްޓަރޕްލޭނެއް ހައްދަވާ ބެޑް ކެޕޭސިޓީ އިތުރުވަމުންދާ ވަރަކުން ފަތުރުވެރިން ގެނެވޭނެ އިތުރު ގޮތްތައް ހޯއްދެވުމަށް ކުރައްވަން ޖެހޭ މަސައްކަތްތައް ފެއްޓެވުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.
img:http://s2.psmnews.mv/images/660x400/6830.jpg|ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު - ފޮޓޯ: ޔޫޓިއުބް
މާކެޓިން މާސްޓަރ ޕްލޭންއާއެކު މިހާރު ހުރި ދަތިތަކަށް ޙައްލު ލިބި ޓޫރިޒަމް ތަރައްގީކުރުމަށް ބޭނުންވާ ލަނޑުދަޑިތައް ޙާޞިލްކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. މި މާކެޓިންގ ޕްލޭންގެ ދަށުން ރާއްޖެ ޕޮޒިޝަން ކުރާނީ ކިހިނެއްތޯއާއި އިންފްރާސްޓްރަކްޗަރގައި ހުރި މައްސަލަތަކާއި އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖޭގެ އެތެރެއާއި ބޭރުން ހުރި ގޮންޖެހުންތައް ދެނެގަނެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
"އިންޓަރނަލް ފެކްޓާސްއާ އެކްސްޓާނަލް ފެކްޓާސްއިން ހުރި ޗެލެންޖަސްތައް އެބަހުރި މިކަންތައްތަކަށް ބަލާފައި މާކެޓިންގ މާސްޓަރ ޕްލޭން ތައްޔާރުކުރާނީ.. މި މާސްޓަރ ޕްލޭންގައި ޕީއާރު މަސައްކަތް ކުރާނެގޮތާ ފެއަރތަކަށް އެޓެންޑްކުރާނެގޮތް އަދި ގައުމު ޕޮސިޝަން ކުރާނެގޮތް ހޯދޭނެ.." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަ ބައެއް ޤައުމުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި އަދި އެގައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިސްޓް ޙަމަލާތަކުގެ ސަބަބުން އެޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް މަދުވަމުން ދިއުމާއެކު މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒު ކުރައްވާފައިވާ ފަތުރުވެރިންގެ އަދަދު ރިވައިސްކުރައްވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ.