ޚަބަރު

ދެއްވަދޫއާއި ކަނޑުހުޅުދޫ އަތޮޅު ސެމީއަށް


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ގއ. އަތޮޅުގެ ދެ ގުރޫޕުން، އަތޮޅު ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް ދެއްވަދޫއާއި ކަނޑުހުޅުދޫއިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ގއ. އަތޮޅުން ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު މި ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހައިލައިފައެވެ. އެ އަތޮޅުގެ ގުރޫޕު އޭގައި ހިމެނެނީ ކަނޑުހުޅުދޫ، ގެމަނަފުށި، ދާންދޫ އަދި ކޮލަމާފުށްޓެވެ. ގްރޫޕު ބީގައި ހިމެނެނީ ދެއްވަދޫއާއި، ވިލިނގިއްޔާއި، ނިލަންދޫއެވެ.

ގއ. އަތޮޅުގެ ގުރޫޕު ބީގައި ހިމެނޭ ދެއްވަދޫއިން އަތޮޅު ސެމީގެ ޖާގަ ކަށަވަރުކޮށްފައި ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި ދެއްވަދޫއިން ވަނީ ވިލިނގިލީގެ މައްޗަށް 1-2 އިން ކުރިހޯދައިފައެވެ. މުބާރާތުގައި ދެއްވަދޫއިން ކުޅުނު ދެވަނަ މެޗުގައި އިއްޔެ ހަވީރު ވަނީ ނިލަންދޫގެ މައްޗަށް 1-3 އިން ކުރިހޯދާފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ނިލަންދޫއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޒާހިލް އަޙްމަދެވެ. އޭގެފަހުން ދެއްވަދޫއިން ވަނީ ކުޅުން ރަނގަޅުކޮށް، ތިން ލަނޑު ޖަހައިފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ނަސޫޙް ސައީދާއި ވިޝާޙް ޢަބްދުލްމަޖީދުއެވެ. ވިޝާޙް ވަނީ މެޗުގައި ދެ ލަނޑު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ގއ. އަތޮޅުގެ ގްރޫޕް އޭއިން އެ އަތޮޅުގެ ސެމީގެ ޖާގައެއް ކަނޑުހުޅުދޫއިން ކަށަވަރުކުރީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. އެ ޓީމުގެ ދެވަނަ މެޗުގައި ރޭ ދާންދޫގެ މައްޗަށް ކަނޑުހުޅުދޫއިން ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކަނޑުހުޅުދޫގެ ލަނޑުތައް ޖަހައިދިނީ އިބްރާޙީމް ރައީޝް ޢަބްދުލްއަޒީޒް އާއި ފަޒްލީން މުޙައްމަދުގެ އިތުރުން އަހްނަފް ޒާހިރެވެ. ދާންދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު މައުސޫދުއާއި އަރުޝަމް ސައީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނޑުހުޅުދޫގެ އަޙްނަފެވެ.

މި ގުރޫޕުގައި ހިމެނޭ ގެމަނަފުށިން ރޭ ވަނީ ކޮލަމާފުށީގެ މައްޗަށް 1-7 އިން ކުރިހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގެމަނަފުށީގެ ޢަލީ ޝާޒް ހަބީބު ވަނީ މެޗުގައި ހަތަރު ލަނޑު ޖަހައިފައެވެ. ދެ ލަނޑު އަންސަދު ޙަސަން ކާމިޔާބުކޮށްދިން އިރު، ދެން އިން ލަނޑު ޖަހައިދިނީ ހުސެއިން ތައިމެވެ. މެޗުގައި ކޮލަމާފުއްޓަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑަކީ ގެމަނަފުށީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ނަތީޖާތަކާއެކު މި ގުރޫޕުގެ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި އޮތް ކަނޑުހުޅުދޫއިން ސެމީގެ ޖާގަ ކަށަވަރުކުރީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ދެވަނައިގައި އޮތް ގެމަނަފުއްޓަށް ހަތަރު ޕޮއިންޓު ދެ މެޗުން ލިބިފައިވާއިރު ތިންވަނައިގައި ދާންދޫ އޮތީ އެއް ޕޮއިންޓު ހޯދައިގެންނެވެ. ފުލުގައި ކޮލަމާފުށި އޮތީ ޕޮއިންޓެއް ނުލިބިއެވެ.