ޚަބަރު

އިސްދޫ ސެމީއާ ގާތަށް، ލ. ގުރޫޕު ބީ ވަރަށް ވާދަވެރި


  • އިސްދޫއިން ގްރޫޕް އޭގައި ދެ މެޗު ކުޅެ، ހަ ޕޮއިންޓު ވަނީ ހޯދައިފަ

  • ލ. އަތޮޅު ގްރޫޕް ބީއަށް ބަލާލާއިރު، 4 ޓީމުން ވެސް ވަނީ ކޮންމެ ޓީމެއް ތިން ޕޮއިންޓު ހޯދާފަ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ލ. އަތޮޅު ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް އިސްދޫއިން ޖެހިލިއިރު، އެ އަތޮޅު ގުރޫޕު ބީގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

މުބާރާތުގައި އިސްދޫއިން ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ވަނީ ހޯދައިފައެވެ. މިއާއެކު އެ ޓީމަށް ސެމީއާ ގާތަށް ޖެހިލެވުނު ނަމަވެސް، އެ ޖާގަ ޔަގީން ވާނީ ކުރިއަށް އޮތް މެޗުގެ ނަތީޖާއަށް ރިއާޔަތްކޮށެވެ. އެގޮތުން ކުރިއަށް އިސްދޫއަށް ދެން އޮތީ ގުރޫޕު ދެވަނައިގައި އޮތް ދަނބިދޫއާ ވާދަކުރަން ޖެހޭ މެޗެވެ. އެ މެޗުން އެއްވަރުވިޔަސް އަދި މޮޅުވިޔަސް އިސްދޫ ސެމީއަށް ދާނެއެވެ. އެ މެޗުން ބަލިވެގެން ވެސް، އެ ގުރޫޕުގައި ދެން ހިމެނޭ ފޮނަދޫއާއި ގަން ބައްދަލުކުރާ މެޗުގެ ނަތީޖާއަށް ބިނާކޮށް އިސްދޫ ސެމީއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އެ ގުރޫޕުގައި ދަނބިދޫއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު، ގަމަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ. ފޮނަދޫ ވަނީ ބާކީ އެއް މެޗު އޮއްވައި މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. ގަމާ ފޮނަދޫ ބައްދަލުކުރާ މެޗުން ގަން މޮޅުވެއްޖެނަމަ، އިސްދޫ އާއި ދަނބިދޫ ބައްދަލުކުރާ މެޗުން އިސްދޫ ބަލިވި ނަމަވެސް ގޯލް ޑިފަރެންސަށް ބެލުމަށްފަހު، އިސްދޫއަށް އަތޮޅު ސެމީއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

މި ގުރޫޕުގައި ރޭ ފޮނަދޫގެ މައްޗަށް އިސްދޫއިން ވަނީ 0-3 އިން ކުރިހޯދާފައެވެ. މި މެޗުގައި އިސްދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ މީސާގް އީސާ އާއި އަލީ އަޝްހަމްގެ އިތުރުން ލޫތު އަހްމަދު ފަތުހީއެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ގަމުން، ފޮނަދޫގެ މައްޗަށް ރޭ ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ، ގަމުން މެޗުގައި ޖެހި އެއް ލަނޑަކީ ފޮނަދޫގެ މުޙައްމަދު ޝާމިލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ލަނޑަކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޙްމަދު ހަލީމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލ. އަތޮޅު ގްރޫޕް ބީއަށް ބަލާލާއިރު، ހަތަރު ޓީމުން ވެސް ވަނީ ކޮންމެ ޓީމެއް ތިން ޕޮއިންޓު ހޯދާފައެވެ. ކޮންމެ ޓީމަކުން ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ރޭގެ ފުރަތަމަ މެޗުގައި މުންޑޫއިން ވަނީ މާވަށުގެ މައްޗަށް 1-4 އިން ކުރިހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޙުސެއިން ލަޔާން މެޗުގައި މުންޑޫއަށް ދެ ލަނޑު ޖަހައިދިން އިރު އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ ޙަމްދޫން އަޙްމަދާއި ޙަސަން ނިޝަފް އެވެ. މާވަށުގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ފަޒީލެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ކުނަހަންދޫގެ މައްޗަށް ކަލައިދޫއިން ވަނީ 1-2 އިން ކުރިހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާޢީލް ނާއިލް ކަލައިދޫގެ އެއް ލަނޑު ޖަހައިދިން އިރު އަނެއް ލަނޑު ޖަހައިދިނީ އަހްމަދު ފަރީޝްއެވެ ކުނަހަންދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު މާއިޝްއެވެ.

މި ގުރޫޕުން، އަތޮޅު ސެމީއަށް ދިއުމުގެ ފުރުސަތު ހުރިހާ ޓީމަކަށްވެސް އަދި އޮތްއިރު، ސެމީގެ ދެ ޖާގަ މި ގުރޫޕުން ލިބޭ ޓީމުތައް ކަށަވަރުވާނީ މި މަހުގެ 14 ވަނަ ދުވަހު ކުޅޭ މި ގުރޫޕުގެ ފަހު މެޗުތަކަށްފަހުއެވެ. ފަހު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ މުންޑޫއާއި ކަލައިދޫއެވެ. ދެވަނަ މެޗުގައި ވާދަކުރާނީ މާވަށާއި ކުނަހަންދޫއެވެ.