ޚަބަރު

ދުންފުހުގެ އަސަރު ދަށްވެ، ދުރު ފެންނަ މިންވަރު އިތުރުވެއްޖެ


  • މިއަދު ދުރު ފެންނަ މިންވަރު ހުރީ 4 ކިލޯމީޓަރުގައި

  • އިރުވައި މޫސުމުގައި އެކި ދުވަސްތަކުގައި ދުންފުހުގެ އަސަރު ކުރާނެ

މިއަދު ދުރު ފެންނަ މިންވަރު އިތުރު ކަމަށާއި ދުން ފުހުގެ އަސަރު މަޑުމަޑުން ދަށްވާކަން ފާހަގަވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ ވައި ވަނީ، ވަރަށް ބޮޑަށް ނުސާފުވެފައެވެ. މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 5 ދުވަހަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިންވެސް އިންޒާރު ނެރެފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދުރު ފެންނަ މިންވަރު މިއަދު ހުރީ 4 ކިލޯ މީޓަރުގައި ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ވައި ނުސާފުވިއިރު، ދުރު ފެންނަ މިންވަރު ގާތްގަނޑަކަށް 1.5 ކިލޯ މީޓަރަށްވެސް ދަށްވިއެވެ.

މެޓުން ވިދާޅުވީ، މުޅި އިރުވައި މޫސުމުގައިވެސް އެކި ދުވަސްތަކުގައި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށެވެ.

އެޗްޕީއޭއިން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ތަޣައްޔަރުކަން ދަށެވެ. މިވަގުތަށް ބަލާއިރު އެންމެ ވައި ނުުސާފީ މާލެ ސަރަޙައްދުގައެވެ. މިސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ، 110 ގައެވެ. ނިމުނު ހަފުތާގައި ވައިގެ ނުސާފުކަން 190 އަށް އަރާފައިވެއެވެ. އެހެން ހިސާބުތަކުގައި މިއަދު ވައިގެ ނުސާފުކަން ދަށެވެ.

ވައިސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ.
ރާއްޖެ ސަރަޙައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކުގައެވެ.

ވައި ނުސާފު ކަމުގެ މިންވަރަށް ބަލާ ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ދަނީ އިރުޝާދު ނެރެމުންނެވެ. ޚާއްޞަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ސިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަޙައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ.

އެހެންކަމުން ވައި ނުސާފު ވަގުތުތަކުގައި ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، އަދި ނިކުންނައިރުވެސް އެން.95 މާސްކު ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ ޢިލްތިމާސްކޮށްފައެވެ.