ޚަބަރު

ބަނގުރަލުގެ ވިޔަފާރި ކުރި ދެ ދިވެހިން ހައްޔަރުކޮށްފި


  • 4 މީހުން ހައްޔަރު ކުރި، 2 މީހުން ވަނީ ދޫކޮށްލާފައި

  • މައްސަލަ ފުލުހުން ދަނީ ބަލަމުން

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެ ހަތަރު މީހުން މަސްވެރިންގެ ޕާކު ސަރަޙައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި، ޅ.ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަނެއް ދެ މީހުން، ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ، ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ، ތަޙުޤީޤު ކުރަމުންނެވެ.