ޚަބަރު

ރެއާލްގެ ކޯޗުކަމުން އެލޮންސޯ ވަކިވެއްޖެ. ޙަވާލުވީ އާބަލޯއާ


ޔޫރަޕާއި ސްޕެއިން ފުޓުބޯޅައިގެ ގަދަބާރު، ރެއާލް މެޑްރިޑުގެ ކޯޗުކަމުން ޒަބީ އެލޮންސޯ ވަކިވެއްޖެއެވެ.

އެލޮންސޯ ރެއާލްގެ ކޯޗުކަމުން ވަކިވެފައި މިވަނީ، ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލުގައި ބާސެލޯނާއާ ވާދަކޮށް ކުރިމަތިވި ނާކާމިޔާބީއާ އެކުގައެވެ. ސުޕާ ކަޕްގެ ފައިނަލުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މި މެޗުން އެ ޓީމު ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.

ކޯޗުކަމުގެ މަގާމުން އެލޮންސޯ ވަކިވެފައި މިވަނީ މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައެވެ.

ރިޕޯޓުތައް ބުނާގޮތުން ޓީމުގެ ކުޅުންތެރިންގެ މެދުގައި އެލޮންސޯގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ރެއާލް އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 44 އަހަރުގެ އެލޮންސޯ، ރެއާލްގެ ކޯޗުކަމުގެ މަގާމުން ވަކިވެފައިވަނީ ދެ ފަރާތުން ކުރެވުނު މަޝްވަރާތަކަށްފަހު ވެވުނު އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.

އަދި ރެއާލްގެ ވެރިންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތުގައި އެލޮންސޯއަށް އަބަދުވެސް ޙާއްސަ މަގާމެއް، ކްލަބްގެ ލެޖެންޑެއްގެ ގޮތުގައި އޮންނާނެ ކަމަށާއި ރެއާލް އަކީ އަބަދުވެސް އެލޮންސޯގެ "ހޯމް" އަށް ވާނެކަމަށް ރެއާލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ފަސް އަހަރު ކުޅުނު އެލޮންސޯ ރެއާލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު، އެ ޓީމުގެ ކޯޗުކަމުގައި އޭރު ހުރި ކާލޯ އެންޗެލޮޓީގެ ބަދަލުގައެވެ.

އޭނާ ރެއާލްއާ ހަވާލުވީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއެކު 2024 ވަނަ އަހަރު ބުންޑަސްލީގާ ކާމިޔާބުކުރުމަށްފަހުއެވެ.

އެލޮންސޯގެ ބަދަލުގައި ރެއާލް އިން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުގެ ކޯޗަކަށް އާބަލޯއާ ހަމަޖެއްސިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އާބަލޯއާ އަކީ ވެސް ރެއާލް އަށް މީގެކުރިން ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އަދި ފާއިތުބީ ދުވަސްތަކުގައި ރެއާލްގެ ޒުވާން ޓީމުތަކަށާއި ރެއާލްގެ ބީ ޓީމުގެ ކޯޗުކަން އޭނާ ކޮށްފައިވެއެވެ.

ރެއާލްގެ ކޯޗުކަމުން އެލޮންސޯ ވަކިވިއިރު އޭނާގެ އިރުޝާދުގެ ދަށުން ރެއާލުން ކުޅުނު 34 މެޗުގެ ތެރެއިން 24 މެޗުން ރެއާލް ވަނީ މޮޅުވެފައެވެ.