"ޚާއްޞަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ"ގެ ދަށުން ޗުއްޓީއަށް އެދުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން ވިދާޅުވީ، ޤަވާއިދަށް ގެނައި އިތުރު ލުޔެއްގެ ދަށުން މުވައްޒަފުންގެ ޢާއިލާގެ ފަރާތަކުން އެފަދަ ބައްޔެއް ތަޙައްމަލު ކުރަމުން ދިޔަ ނަމަވެސް "ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ"ގެ ދަށުން ޗުއްޓީ ހަމަޖައްސައި ދެވޭނެ ކަމަށެވެ.
ސިވިލް ސަރވިސް މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ޤަވާއިދުތަކަށް ބަދަލުތައް ގެނެސް، ޒަމާނީ ޚިދުމަތެއް ޤާއިމު ކުރުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. އެކޮމިޝަނުން ވަނީ، މުވައްޒަފުންނަށް ލުއިކުރުމަށް ޚާއްޞަ ޙާލަތްތަކުގައި މުވައްޒަފުން ޗުއްޓީއަށް އެދުމުގައި ސީދާ ކޮމިޝަނަށް ހުށައަޅާ ގޮތަށް ބަދަލު ކޮށްފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ލީގަލް އެފެއާރޒު ޑިވިޛަންގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރަޝީދު ވިދާޅުވީ، ޚާއްސަ ޙާލަތްތަކުގައި ޗުއްޓީއަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމުން، ބައެއް މުވައްޒަފުންނަށް އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އަދި މިވީ މުއްދަތުގައި ބައެއް މުވައްޒަފުން މިނިޒާމުގެ ތެރެއިން ޗުއްޓީއަށް އެދެމުންދާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އަސްލު މިއުސޫލުގެ ދަށުން "ޚާއްޞަ ސިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީ"ގެ ދަށުން ޗުއްޓީއަށް އެދެވޭނީ މިސާލަކަށް ކެންސަރު ފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް. އެހެން ފަރާތްތަކުން މިއުސޫލުން ޗުއްޓީއަށް ހުށައެޅުމުން ޚިދުމަތް އެފަރާތްތަކަށް ދިނުމުގައި ވަގުތުތަކެއް ނަގާނެ. އެހެންކަމުން އެކަމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވާންޖެހޭ." އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، "ޚާއްޞަ ޞިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީ"އަށް އެދި ޗުއްޓީ ބޭނުންވާ ދުވަހުގެ 15 ދުވަސް ކުރިން އެދެންވާނެ ކަމަށެވެ. އަދި މިވޭތުވެދިޔަ ދުވަސްތަކުގައި އެމުއްދަތަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ހުށައެޅުމުންވެސް ވީހާވެސް އަވަހަކަށް އެފަދަ ޙާލަތްތަކުގައި ތިބި މުވައްޒަފުންނަށް ޗުއްޓީ ހަމަޖައްސައި ދިނުމުގެ މަސައްކަތް ކޮމިޝަނުން ކޮށްފައިވާ ކަމަށެވެ.
"ޚާއްޞަ ސިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީ"ގެ ދަށުން، ބަލި ތަޙައްމަލު ކުރަނީ މުވައްޒަފެއް ކަމުގައިވާނަމަ، ފުރަތަމަ ފަހަރަށް 60 ދުވަހަށް އެދުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި އެޙާލަތެއް ކުރިމަތިވީ މުވައްޒަފެއްގެ ޢާއިލާ މެމްބަރަކަށް ކަމުގައިވާނަމަ، އެމުވައްޒަފަކަށް 30 ދުވަހުގެ ޗުއްޓީއަކަށް އެދެވޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
"ޚާއްޞަ ސިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީ"އަށް ސީދާ ކޮމިޝަނަށް އެދި ހުށައަޅަން ނިންމުމާއެކު މުވައްޒަފުން މަސައްކަތް ކުރާ އޮފީހާއި، ކޮމިޝަނާއި ދެމެދު ޗުއްޓީގެ ކަންކަމުގައި ކުރަންޖެހޭ މުޢާމަލާތުގެ ވަގުތު ކުރުވެ، އޭގެ ލުއިފަސޭހަކަން ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.