ޚަބަރު

ޕެރިސް އެފްސީން ވަރުގަދަ ޕީއެސްޖީ، ފްރެންޗް ކަޕުން ކަޓުވާލައިފި


ފްރެންޗު ކަޕުގައި ރޭ ޕެރިސް އެފްސީން، އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކަޓުވާލައިފިއެވެ.

ރައުންޑް އޮފް 32 ގައި ޕެރިސް އެފްސީން ޔޫރަޕާއި ފްރެންޗް ލީގުގެ ވެސް ޗެމްޕިއަން ބަލިކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޕެރިސް އެފްސީ ފްރާންސްގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައިވަނީ 2024/2025 ވަނަ ސީޒަނުގައެވެ. އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައި މިވަނީ 46 އަހަރު ފަހުންނެވެ.

މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ޕީއެސްޖީންނެވެ. އެ ޓީމުން ވަނީ މެޗުގައި ޖުމްލަ 21 ހަމަލާއެއް ފޮނުވާލާފައެވެ. އެހެންނަމަވެސް އޭގެއިން ގޯލާ އަމާޒުވާ ގޮތަށް ފޮނުވާލެވުނީ އެންމެ އަށް ހަމަލާއެވެ. މި ހުރިހާ ހަމަލާއެއް ހުއްޓުވުމުގައި ވެސް ޕެރިސް އެފްސީގެ ކީޕަރު އޮކެޑް ނިކަމްބާޑިއޯ ވަނީ ތަފާތު ދައްކާފައެވެ.

މި މެޗުގައި ޕެރިސް އެފްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ، ޕީއެސްޖީން ސީނިއަރ ކެރިއަރު ފެށި ޖޮނަތަން އީކޯނޭއެވެ. މިއީ އީލަން ކަބާއޯ ތަނަވަސްކޮށްދިން ފުރުސަތަކުން އީކޯނޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގެ ކުރިން އެންމެފަހުން މި ދެ ޓީމު ވާދަކުރި މެޗުން ޕީއެސްޖީ ވަނީ 1-2 އިން މޮޅުވެފައެވެ.

މެޗުން ބަލިވެ ޕީއެސްޖީއަށް ފްރެންޗް ކަޕާ އަލްވަދާއު ކިޔަން ޖެހުނުއިރު ޕީއެސްޖީ އަކީ އެންމެ ފަހުން ބޭއްވި ދެ ފްރެންޗް ކަޕުގެ ވެސް ޗެމްޕިއަނުންނެވެ. ޕީއެސްޖީން ވަނީ 16 ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ.