ޚަބަރު

"މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދޭން ރައްޔިތުން ތާއީދުކުރޭ"


  • މަރުގެ އަދަބު ތަންފީޒުކުރާނީ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު

  • ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާނީ އޭޕްރީލް 6ވަނަ ދުވަހުން ފެށިގެން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙަކީ މުޖުތަމަޢު ބަލައިގަނެ އެކަމަށް ތާޢީދުކުރާ ނިންމުމެއްކަމަށާއި މިއީ މަސްތުވާތަކެތީގެ ވަބާއިން ޖީލެއް ސަލާމަތްކުރުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

އެންޑީއޭގެ ޗެއަރމަން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނެވުނު 3ވަނަ އިސްލާހަކީ މިހާތަނަށް އެޤާނޫނަށް ގެނެވެނު އެންމެ މުހިންމު އިސްލާހުކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް، މަރުގެ އަދަބު އެފަދަ މީހުންނަށްދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެންނެވި އިޞްލާޙު ތަސްދީޤުކުރައްވައި، ގެޒެޓުގައި ޝާއިޢުކުރީ ޑިސެމްބަރު މަހުގެ 6ވަނަ ދުވަހުއެވެ. މި އިސްލާހާ އެއްގޮތަށް އޭޕްރީލް މަހުގެ 6ވަނަ ދުވަހުން ފަށައިގެން ޤާނޫނު ތަންފީޒުކުރަން ފަށާނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާގައި ވާހަކަފުޅުދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީގެ ޗެއަރމަން އަޙްމަދު ޞިއްދީޤު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަޙައްދުގެ ޙިއްސާކުރާ މިންވަރު ބޮޑު ޤައުމަކަށްވާއިރު، މަސްތުވާތަކެތި ޓްރެފިކް ކުރުންފަދަ ކުށްތަކަށް އަރައިގަނެ އެކަމުން ފައިދާ ނަގަމުންދާ މީހުން ތިބިކަމަށެވެ. ބައެއްގެ އަމިއްލަ މާލީ މަންފާއަށް، އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ މިފަދަ ބޮޑު ކުށަކަށް އަރައިގަންނަމުންދާއިރު، މިކަމުން ޖީލެއް ހާލާކުވެގެންދާކަން ޞިއްދީޤް ފާހަގަކުރެއްވިއެވެ. މިފަދަ ބޮޑު ކުށަކަށް މަރުގެ ޢަދަބު ކަނޑައެޅިގެންދިއުމަކީ، އެއްވެސް މީހަކު އެކަމާ ދެކޮޅު ހަދާނެ ކަމެއްކަމަށް ޤަބޫލުނުކުރާކަމަށްވެސް ސިއްދީޤު ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމުގެ ޤާނޫނު ބުނާގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ.

ސިއްދީޤު ވިދާޅުވީ މަސްތުވާތަކެއްޗަކީ އޭގެ ސަބަބުން އެތަށް ބައިވަރު ކުއްތަކަކާއި ނުރަނގަޅު އާދަތަކެއް މުޖުތަމަޢުގައި ފެތުރެމުންދާ ކަމެއްކަމަށެވެ. އެގޮތުން ވައްކަމާއި ފޭރުމާއި އަދި އާއިލީ ގުޅުންތައް ހީނަރުވެ އެތައް ބައެއްގެ މުސްތަޤުބަލު ގެއްލި ހަލާކުގެ ތެރެއަށްދާ ނުބައި ކަމެއްކަމަށެވެ. އެހެންކަމުން މަސްތުވާތަކެއްޗަށް ދީނުގައި ކަނޑައެޅިފައިވާ މިފަދަ ހަރުދަނާ އަދަބުތައް ކަނޑައެޅުމަކީ، މިއީ ހުރިހާ ރައްޔިތުންނާއި މުސްތަޤުބަލަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމެއްކަމަށެވެ.

"މަރިޗު 6ވަނަ ދުވަހު ޤާނޫނު ތަންފީޒުކުރަން ފަށާނެ. ކޯޓުގެ އެކި މަރުޚާލާތަކަށްފަހު އަދަބު ކަނޑައެޅޭނީ. ބޭނުންވަނީ އަދަބު ދޭކަށް ނޫން. މުސްތަޤްބަލަށް ވިސްނާ، މިކަމުން ސަލާމަތްވާން ފުރުޞަތު ދިނުން. އާއިލާތަކާއި ރައްޓެހިންނާއި މުޅި މުޖުތަމަޢުއިން މިކަމުގެ ގެއްލުން ބުނެދީ، އެފަދަ މީހުން ކުށުން ސަލާމަތްކުރަން" ޞިއްދީޤް ވިދާޅުވިއެވެ.

ޞިއްދީޤް ވިދާޅުވީ ސަރުކާރުން މިކަމުގައި ކުރަމުންދާ ކޮންމެ މަސައްކަތަކީ ކުރިމަގަށް ވިސްނައި، ކުށުގެ ވެށިން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރައްވާ މަސައްކަތްކަމަށެވެ. އެގޮތުން ރާއްޖެއަށް ޑްރަގް އެތެރެވުން ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުންވެސް މި ވޭތުވެދިޔަ 2 އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދާފަވާކަމަށް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި މިއަހަރު ބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށް އެންޑީއޭގެ ޗެއަރމަން އަހުމަދު ޞިއްދީޤު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލު ވެވަޑައިގެން އެންމެ ފުރަތަމަ ޤައުމާ މުޚާތަބުކުރައްވައި ދެއްވި ތަޤުރީރުގައިވެސް ރާއްޖެއަށް ދިމާވެފައިވާ އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އެއާއެކު އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ގުޅުންހުރި އިދާރާތަކުން ގެންދަވަނީ ކުރައްވަމުންނެވެ.