ޚަބަރު

ޅެންވެރީންގެ ދުވަހުގެ ޖަލްސާ ޚާއްސަކުރާނީ ލަބީބަށް


  • 1960ވަނަ އަހަރުން ފެށިގެން އަދަބިއްޔާތުގެ ދާއިރާއިން ގެންދަވަނީ ޚިދުމަތްކުރައްވަމުން

  • 2021ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިލެއްވި

މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ، އައްޑު އަތޮޅުގެ މަޝްހޫރު ޅެންވެރިޔާ ޙަސަން ލަބީބަށް ޚާއްސަކުރުމަށް ނިންމަވައިފިއެވެ.

އައްޑޫ ސީޓީ ހިތަދޫ، ކެމީ، ޙަސަން ލަބީބު ފާހަގަކުރެވެނީ ޅެންވެރިކަމާއި އަދަބީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން ޅެންވެރިކަމުގެ ކްލާސްތައް ހިންގެވުމާއި، ޅެންވެރީންގެ ހަވީރުގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ޖަމިއްޔާ މެދުވެރިކޮށް މިހާރުވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް އެ ދާއިރާކަށް ކޮށްދެއްވަމުންނެވެ.

ޅެންވެރިކަމުގެ އެކިއެކި މުބާރާތްތަކުގައިވެސް ބައިވެރިވެވަޑައިގެން ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯއްދަވައިފައިވާ ޙަސަން ލަބީބަށް ވަނީ 2021ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.

އައްޑޫސިޓީގައި ޅެންވެރިކަން ކުރިއެރުވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ޅެންވެރިކަމުގެ ކޯސްތައް ހިންގަވާފައިވާ ޙަސަން ލަބީބަކީ ދިވެހި ޅެންވެރިކަން ކުރިއެރުވުމަށް އުފައްދަވައިފައިވާ މަންސައެއް ކަމުގައިވާ "ޅެންވެރިންގެ ބަހާރު" ގެ އެއް މުޝީރުވެސް މެއެވެ. ހަމައެހެންމެ، ޅެންވެރިންގެ ބަހާރަށް ޚިދުމަތް ކުރައްވާ ކުޅަދާނަ ޅެންވެރިއެކެވެ.

ޅެންވެރިކަމުގެ ފަންނު ދިރުވައި އާލާކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރެއްވުމުގެ އުންމީދު ހަޤީގަތަކަށް ހަދައި 2021ވަނަ އަހަރުން ފެށިގެން "ޝާޢިރުންގެ ވާދީ"ގެ ނަމުގައި ޖަމުޢިއްޔާއެއް ރަޖިސްޓަރީކޮށް ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ދިވެހި ބަހާ އަދަބިއްޔާތުގެ ދާއިރާއިން 1960ވަނަ އަހަރުން ފެށިގެން ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ޙަސަން ލަބީބު ހައްދަވައިފައިވާ ގިނަ ޅެންތަކަކީ، އެކިއެކި މުނާސަބަތުތަކަށް ޚާއްޞަ ކުރައްވައިގެން ހައްދަވައިފައިވާ ޅެންތަކެވެ. ޚާއްޞަކޮށް، ޤައުމީ މުނާސަބަތުތަކަށާއި، އައްޑުއަތޮޅުގެ އެކި ސްކޫލްތަކުގައި ފާހަގަކުރެވޭ އެކި މުނާސަބަތުތަކާ ގުޅޭގޮތުން ހައްދަވައިފައިވާ ޅެންތައް ހިމެނެއެވެ.

ބައެއް އުރުދޫ ޅެންތައްވެސް ދިވެހިބަހަށް ތަރުޖަމާ ކުރައްވައިފައިވާ ޙަސަން ލަބީބު ޅެން ހައްދަވަން ފެށްޓެވީ އުމުރުން 15 އަހަރުގައެވެ. އެ ޒަމާނުގައި ނެރުނު ފަތްތޫރަތަކުން ލަބީބް ގެ ލިޔުންތައް ފެންނަން ހުންނާނެއެވެ. އޭގެ ފަހުން އެކި ގޮތް ގޮތުން ޅެންވެރިކަން އުނގަންނައިދީ 200 އެއްހާ ޅެންވެރިން މި ދާއިރާއަށް ޙަސަން ލަބީބު ނެރެދެއްވާފައިވެއެވެ.