ކުޅިވަރު

ހުވަފެން ހަގީގަތަކަށް ވިޔަސް ނަގަން މިޖެހުނީ ބޮޑު ޒިންމާއެއް: އާބެލޯއާ


ރެއާލް މެޑްރިޑްގެ ކޯޗުކަން ކުރުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށްވުން ކަމަށާއި ނަމަވެސް ނަގަން ޖެހިފައި މިވަނީ ބޮޑު ޒިންމާއެއް ކަމަށް ރެއާލްގެ އައު ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ.

ކުރީގެ ޑިފެންޑަރު ބުނީ އޭނާގެ އެންމެ ބޮޑު މަގްސަދަކީ ރެއާލް މެޑްރިޑުގެ ކުޅުންތެރިން އެ މީހުންގެ ސްޓައިލްގައި ކާމިޔާބު ހޯދާނެ ގޮތެއް ހޯދުން ކަމަށެވެ.

"އަހަރެން މި ކުލަބުގައި އުޅޭތާ 20 އަހަރު ވެއްޖެ. ރެއާލް މެޑްރިޑުން ބޭނުންވާހާ ދުވަހަކު އަހަރެން ހުންނާނަން. ދެން މި މަގާމަކީ އަހަރެންގެ ހުވަފެން ހަގީގަތަކަށްވުމެއް. ހަމަ މިއާއެކު އަހަރެންނަށް އެނގޭ މިއީ ވަރަށް ބޮޑު ޒިންމާއެއްކަން،" އާބެލޯއާ ބުންޏެވެ.

ރެއާލްގެ ބީ ޓީމުގައި ހުރެފައި ސީނިއާ ޓީމުގެ ކޯޗުކަން ސީޒަނުގެ މެދުތެރެއިން އޭނާ އަށް ލިބުނީ ދެ ފަރާތް އެއްބަސްވެގެން ކޯޗުކަން ޒަބީ އަލޮންސޯ ދޫކޮށްލުމުންނެވެ. އޭނާ ކޯޗުކަމުން ދުރަށްދިޔައިރު ސީނިއާ ބައެއް ކުޅުންތެރިންނާ ވެސް ވަނީ މައްސަލަ ޖެހިފަ އެވެ. ހާއްސަކޮށް ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާއާ އެވެ.

އާބެލޯއާ ބުނީ އޭނާ ބޭނުންވަނީ ވިނީޝިއުސް މިނިވަންކަމާއެކު އޭނާގެ ގޮތުގައި ކުރިއަށްދާ ތަން ދެކެން ކަމަށެވެ. އަލޮންސޯ އާއި ވިނީޝިއުސް މައްސަލަ ޖެހުނީ ދިފާއުގައި ބައިވެރިވާން ޖެހޭތީ އެވެ. ނަމަވެސް ކުރީގެ ޑިފެންޑަރުގެ ވާހަކަތަކުން އެނގެނީ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ ދިން ފަދަ މިނިވަން ރޯލެއް ވިނީޝިއުސް އަށް އާބެލޯއާ ދޭން ގަސްތުކޮށްފައިވާ ކަމެވެ.

ރެއާލްގެ ކުޅުންތެރިންގެ ތެރެއިން ޖޫޑް ބެލިންހަމް ވަނީ އޭނާ އާއި އަލޮންސޯ މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހާކަތައް ދޮގުކޮށްފަ އެވެ. އަދި ގޯލްކީޕަރު ތިބައޫ ކޯޓުއާ ވެސް ވަނީ އަލޮންސޯއާ އެކި ރަނގަޅު ގުޅުމެއް އޮތް ކަމަށް ބުނެފަ އެވެ.