މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިންތިޒާމުކުރާ ނެޝަނަލް އޯޕަންސް އެންޑް ވިމެންސް ޗެސް ޗެންޕިއަންޝިޕު ފަށާ ތާރީޚަށް ބަދަލު އައިސްފިއެވެ.
މިކަން ހާމަކޮށް އެސޯސިއޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފަވަނީ ނެޝަނަލް އޯޕަންސް އެންޑް ވިމެންސް ޗެސް ޗެންޕިއަންޝިޕު ފަށާ ތާރީޚަށް ބަދަލު އައިސްފައިވާކަމަށާއި، މިހާރު މިމުބާރާތުގެ ވިމެންސް ކެޓަގަރީ ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ މިއަހަރުގެ ފެބުރުއަރީމަހުގެ 1 ވަނަ ދުވަސްކަމަށެވެ. އަދި އޯޕަން ކެޓަގަރީ ފަށާނެ ތާރީޚަކީ 10 ފެބުރުއަރީކަމަށް ވަނީ ގެޒެޓުކޮށްފައެވެ.
މިމުބާރާތުގެ އޯޕަން ކެޓަގަރީގައި މިހާރު އަންހެން ކުޅުންތެރިންނަށްވެސް ބައިވެރިވެވޭއިރު، ވިމެންސް ކެޓަގަރީގައި ބައިވެރިވެފައިވާ ކުޅުންތެރިން އޯޕަން ކެޓަގަރީގައި ކުޅެން ބޭނުންވާނަމަ އެފުރުސަތުވެސް މިހާރުވަނީ ހުޅުވާލާފައެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ 23:59 އާއި ހަމައަށްވަނީ ހުޅުވާލާފައެވެ.
މިމުބާރާތުގެ ތާރީޚަށް ބަދަލު އައި ސަބަބާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރާޒުވާ އެސޯސިއޭޝަނުގެ ރައީސް އަލީ ނޫހު ވިދާޅުވީ މިމުބާރާތަކީ މިދިޔަ އަހަރަށް ތާވަލުކުރި މުބާރާތެއްކަމަށެވެ. އެހެންނަމަވެސް ވަގުތުގެ ދަތިތަކުގެ ސަބަބުން މުބާރާތް ފަސްކުރަންޖެހުނީކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ފެބުރުއަރީއަށް މުބާރާތް ބަދަލުކުރީ ސެޕްޓެމްބަރުމަހު އޮންނަ ވޯލްޑް ޗެސް އޮލިމްޕިއާޑަށް މިމުބާރާތުން ކުޅުންތެރިން ހޮވާއިރު އެކުޅުންތެރިންނަށް ދުރާލާ ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުންކަމަށް ނޫހު ވިދާޅުވެފަވެއެވެ.
"އަސްލު މުބާރާތް ބާއްވަން އުޅުނީ މިދިޔަ އަހަރު. އެހެންނަމަވެސް މުބާރާތް ބާއްވަން ވަގުތު ނުވީ. އެހެންވީމަ މުބާރާތް ފެބްރުއަރީގައި ބާއްވާ ގޮތަށް ތާރީޚަށް ބަދަލު މިގެނެވުނީ. އެއީ ސެޕްޓެމްބަރުމަހު އޮންނަ އޮލިމްޕިއާޑުގައި ވާދަކުރާ ކުޅުންތެރިންނަށް ދުރާލާ ފަރިތަކުރަން ވަގުތު ދިނުމަށް" ނޫހު ވިދާޅުވެފަވެއެވެ.
ނެޝަނަލް އޯޕަންސް އެންޑް ވިމެންސް ޗެސް ޗެންޕިއަންޝިޕުގައި ވާދަކޮށް މިމުބާރާތުން އެންމެ މޮޅު ނަތީޖާ ހޯދާ ފަސް ކުޅުންތެރިންނަށް ރާޒުވާގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ވޯލްޑް ޗެސް އޮލިމްޕިއާޑްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ވޯލްޑް ޗެސް އޮލިމްޕިއާޑް ކުރިއަށްދާނީ ސެޕްޓެމްބަރުމަހުގެ 15 އިން 28 އަށް އުޒްބަކިސްތާނުގެ ސަމަކަންޑުގައެވެ.