ޚަބަރު

ކީޕަރުވެސް ލަނޑުޖަހައި 7 ގޯލުގެ ތަފާތުން މޮޅުވެ ރާއްޖެއިން ފެންވަރު ދައްކާލައިފި


  • މެޗުން ރާއްޖެ މޮޅުވީ 1-7 ގެ ނަތީޖާއަކުން

  • ފުރަތަމަ ހާފުގައި އެކަނިވެސް 5 ލަނޑު ޖަހާފައިވޭ

  • މިއީ ފުޓްސަލްގައި ރާއްޖޭގެ ކީޕަރު ލަނޑުޖެހި ފުރަތަމަ ފަހަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުން، ޕާކިސްތާނުގެ މައްޗަށް ހޯދި މޮޅާއެކު، ސަރަހައްދީ ފުޓްސަލްގައި ރާއްޖެއަކީ ގަދަބާރެއްކަން ދައްކާލައިފިއެވެ.

ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 1-7 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުން ވަނީ އިސްލާމްއާބާދުގައި، ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނު ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އަދި ޓީމު އެކުލަވާލުމަށްޓަކައި މުޅި ޤައުމަށް ހުޅުވާލައިގެން ޓްރަޔަލްތަކެއް ވެސް ބޭއްވިއެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ތަޖުރިބާހުރި ކޯޗެއް އައްޔަންކޮށް، ވަރުގަދަ ޓްރެއިނިން ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިއާއެކު ޕާކިސްތާން ބެލެވިފައި އޮތީ މި މުބާރާތް ކާމިޔާބުކުރާނެ އެއް ފޭވަރިޓުންގެ ގޮތުގައެވެ.

ކަން މިހެން އޮތްނަމަވެސް، ފީފާގެ މި ސަރަހައްދުގެ ފުޓްސަލް ރޭންކިންގެ އެއްވަނައިގައި އޮތް ރާއްޖެއިން ވަނީ މި މެޗު ޑޮމިނޭޓު ކޮށްފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރާއްޖެއިން ރޭވުންތެރި ގޭމެއް ކުޅެމުންދިޔައިރު، ރާއްޖޭގެ ކުޅުންތެރިން ހުއްޓުވުމަށްޓަކައި ޕާކިސްތާނުން ގިނަ ފައުލްތަކެއް ވެސް ކުރަން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި ވެސް ފައުލު ހަމަވެ، ރާއްޖެއަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފައެވެ.

ރާއްޖެއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ފަސް ލަނޑު ޖަހާފައިވެއެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު އަލީ ޙަމީދު (އައްމަޑޭ) ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ޖަހައިދިނީ އަލީ ޝިޔާޙް އެވެ. ތިންވަނަ ލަނޑު ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ.

ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ރާއްޖޭގެ ގޯލު ބެލެހެއްޓީ ޒައިދާން އަހްމަދުއެވެ. މިއީ އެޓޭކެއްގައި ޕާކިސްތާން ކުޅުންތެރިން ކުރިއަށް ޖެހި ހުރި ވަގުތު، އަމިއްލަ އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ރާއްޖޭން މެޗުގައި ޖެހި ފަސްވަނަ ލަނޑު، ހާފު ނިމެން އުޅެނިކޮށް ލިބުނު ދުރު ޕެނަލްޓީން ކާމިޔާބުކޮށްދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.

ފުރަތަމަ ހާފުގައި ހޯދި ބޮޑު ލީޑާއެކު ވެސް ރާއްޖެއިން ރަނގަޅު ގޭމެއް ކުޅުނު ނަމަވެސް، މާ ބޮޑަށް ކުރިއަށް ޖެހިގެން ކުޅެފައެއް ނުވެއެވެ. އަދި މި ހާފު ފެށިގެން ޕާކިސްތާން ކީޕަރު ވެސް ގޯލު ދޫކޮށްލައި، ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނެވެ. މިއާއެކު އެ ޓީމުން ވެސް ފުރުސަތުތައް ތަނަވަސްކޮށް، ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައިވެއެވެ.

އެގޮތަށް ކީޕަރު ކުރިއަށް ޖެހިގެން ކުޅުނު ވަގުތެއްގައި ލިބުނު ބޯޅައަކުން ކެޕްޓަން އިމްރާން ވަނީ މިހާފުގައި ރާއްޖޭގެ ފުރަތަމަ ލަނޑު، ރާއްޖޭގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރާއްޖޭގެ ހަވަނަ ލަނޑަށްފަހު ޕާކިސްތާނުން ވެސް ވަނީ މެޗުގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިސާރު ހުސެއިންއެވެ.

އެހެންނަމަވެސް އެފަހުން އަނެއްކާވެސް ރާއްޖެއިން އެޓޭކަށް ކުރިއަށް ޖެހި، އިތުރު ފުރުސަތުތަކެއް ތަނަވަސްކުރިއިރު މާ ގިނައިރުތަކެއް ނުވެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ރާއްޖޭގެ ހަތްވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ރާއްޖެއިން ވަނީ ހަތް ޓީމު ވާދަކުރާ މި މުބާރާތުގެ ޕޮއިންޓް ތާވަލުގެ އެއްވަނަ މަގާމު ހޯދާފައެވެ. މިއަދު މެންދުރު ބޫޓާނާއި ލަންކާ ބައްދަލުކުރި މެޗު އެއްވަރުވިއިރު ހަވީރު އިންޑިއާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.

ފިރިހެން ޑިވިޝަނުގައި މެޗެއް އަދި ނުކުޅެނީ ނޭޕާލުންނެވެ.

މުބާރާތުގައި ރާއްޖެއަށް ދެން މެޗެއް އޮތީ މި މަހުގެ 16 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ.

މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.