މާތް ﷲ ގެ އިރާދަފުޅާއެކު އެނބުރި ރާއްޖެ އަންނާނީ ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެންކަމަށް ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް ބުނެފިއެވެ.
ރާއްޖެއިން ވަނީ މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާ ވާދަކޮށް 1-7 ގެ ފަރަގުބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
މެޗުގައި ހޯދި ބޮޑު ކާމިޔާބީއަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިޔާޒް ބުނީ، މެޗުން ފެނިގެންދިޔައީ ހުރިހާ ކުޅުންތެރިންވެސް 100 އިންސައްތަ ކޮމިޓްމަންޓް ދީގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މުބާރާތަށް ތައްޔާރުވުމަށް ޗައިނާގައި ކުރިއަށް ގެންދިޔަ ތަމްރީނު ކޭމްޕުގެ ހެޔޮ އަސަރު، މި މެޗުން ފެނިގެންދިޔަކަން އޭނާ ފާހަގަކުރިއެވެ.
ކިތަންމެ މޮޅަށް ކުޅޭ މެޗަކުން ވެސް، ކުރިއަށް ހުރި މެޗުތަކަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެކަން ފާހަގަކޮށް ނިޔާޒް ވަނީ ޕާކިސްތާން މެޗުން ފާހަގަވި އެފަދަ ކަންކަން "ޕީއެސްއެމް ނިއުސް" އާ ހިއްސާކޮށްފައެވެ.
"މެޗުގެ ދެވަނަ ހާފުގައި ތަންކޮޅެއް ބޯލް ޕޮޒެޝަން ތަންކޮޅެއް ދަށްކޮށް މި ދިޔައީ. ދެން އޮތް މެޗަށް ތައްޔާރުވުމަށް، އެކަން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ އަދި. ދެން ޓެކްޓިކަލީ ވެސް ޗޭންޖަސްތަކެއް ގެންނަންޖެހޭކަމަށް ގަބޫލުކުރެވެނީ". ޓީމުން ދެން އޮންނަ މެޗަކަށް ރަނގަޅުކުރަން ޖެހޭ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ނިޔާޒް ބުންޏެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޕާކިސްތާނަކީ މި މުބާރާތަށް ދުރާލާ، އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޤައުމެވެ. އެ ޤައުމުގެ ތައްޔާރީތަކަށް ބަލާ، އެ ޤައުމަކީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރުމުގައި ފޭވަރިޓެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ދެކެއެވެ. މިފަދަ ޓީމަކާ ދެކޮޅަށް މިހާ ފަރަގުބޮޑު ނަތީޖާއަކުން ރާއްޖެއިން ހޯދި ކާމިޔާބީއަކީ، ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު ލިބޭނެ ވަރަށް ބޮޑު ކޮންފިޑެންސް ބޫސްޓެއްކަން ނިޔާޒް ފާހަގަކުރިއެވެ.
މުބާރާތުގެ ތަށި ނެގުމަކީ އެންމެ ބޮޑު އަމާޒުކަމުން، އެ އަމާޒަށް ވާސިލްވުމަށްޓަކައި ފުރަތަމަ މެޗުން ތިން ޕޮއިންޓު ހޯދުމަށް ހުރިހާ ކުޅުންތެރިން ވެސް ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި، މި މެޗުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ﷲ ގެ މިންވަރުފުޅާއި، ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތާއި ކޯޗުގެ އިރުޝާދުގެ ސަބަބުންކަމަށް ވެސް ނިޔާޒް ބުންޏެވެ.
މުބާރާތުގައި ފުރަތަމަ ކުޅުނު ހަތަރު ޓީމު ވެސް އެއްވަރުވެ ރާއްޖެއިން މިހާ ބޮޑު މޮޅެއް ހޯދުން މިއީ ހުރިހާ ޓީމަކަށް ވެސް ބޮޑު ޕްރެޝަރެއް ކުރިމަތިވާނެކަމެއް ކަމުން، މިއީ ރާއްޖެއަށް ވަރަށް ރަނގަޅު ފެށުމެއްގެ ގޮތުގައި ނިޔާޒް ސިފަކުރިއެވެ.
ރާއްޖޭގައި މިވަގުތު އެންމެ މަގުބޫލު، އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރަކީ ފުޓްސަލް ކަމަށްވާއިރު، ގިނަ އަދަދެއްގެ ދިވެހިންތަކެއް މި މެޗު ބަލާ ނިންމާލީ ނުހަނު އުފާވެރިކަމާއި ހިތްހަމަޖެހުމާއެކުއެވެ. އެހެންކަމުން ނިޔާޒް ވަނީ ޓީމުގެ ހުރިހާ މެމްބަރުންގެ ނަމުގައި، ރާއްޖޭގެ ފުޓްސަލް ކޮމިއުނިޓީއަށް، ސަޕޯޓަރުންނަށް ޙާއްސަ މެސެޖެއް ދީފައެވެ.
"އަޅުގަނޑުމެން ފުޓްސަލް ކޮމިއުނިޓީއަށް ބުނެލަން ބޭނުންވަނީ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ސަޕޯޓާއި ހެޔޮ ދުޢާ އަޅުގަނޑުމެންނަށް ކޮށްދެއްވާށޭ. އިންޝާ ﷲ، އެނބުރި ޤައުމަށް ދާނީ ތަށްޓާއެއްކޮށް". ސަޕޯޓަރުންނަށް އުއްމީދީ މެސެޖެއް ދެމުން ނިޔާޒް ބުންޏެވެ.
މި މުބާރާތުގައި ރާއްޖެ އަކީ އެންމެ ގިނަ ބައެއްގެ ކަޅި އަމާޒުވެފައިވާ ޤައުމެވެ. ސަބަބަކީ، ފީފާ ފުޓްސަލް ރޭންކިންގައި ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ މަތިން ދަރަޖަކުރެވިފައިވާ ޤައުމަށް ވީތީއެވެ. އަދި ރާއްޖެއަކީ ފުޓްސަލް ކުޅޭނެ ފުރުސަތާއި ވަޞީލަތްތައް ގިނަ، މި ކުޅިވަރުގެ ހުނަރުވެރިން ގިނަ ޤައުމެއްކަން އެ ފަރާތްތަކަށް އެނގޭތީއެވެ.
ރާއްޖެއާއި ޕާކިސްތާންގެ އިތުރުން، އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ސްރީލަންކާ އަދި ނޭޕާލް ވާދަކުރާ މި މުބާރާތުގައި ރާއްޖެއަށް ދެން މެޗެއް އޮންނާނީ 16 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޔެސް ޓީވީ އިން ވަގުތުން ގެނެސްދޭނެއެވެ.