ޚަބަރު

ރަސްމީ ރިޒާވް ބިލިޔަން ޑޮލަރާ ގާތަށް


  • މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވުގައި 983.04 މިލިޔަން ޑޮލަރު

  • އަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކުރީ 849 މިލިޔަން ޑޮލަރު

  • ބޭނުން ކުރެވޭ ރިޒާވު ވަނީ 244 މިލިޔަން ޑޮލަރަށް އުފުލިފައި

މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވު އެއް ބިލިޔަން ޑޮލަރާއި ގާތް ކުރާ އަދަދަށް މައްޗަށް ޖެހިފައިވާކަމަށް، މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނިއިރު ރަސްމީ ރިޒާވް ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއަދަދު 2024 ވަނަ އަހަރުގެ ނިޔަލަށް ހުރީ 673.89 މިލިޔަން ޑޮލަރުގައެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ %45 ކުރިއެރުމެކެވެ. މިއަހަރުގެ 3 ވަނަ ކުއަޓާގެ އިކޮނޮމިކް ބުލެޓިންގައި މިއަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ 849 މިލިޔަން ޑޮލަރަށެވެ. އަދި 900 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރީ މިހިނގާ 2026 ނިޔަލަށެވެ.

މީގެ ކުރިން ރަސްމީ ރިޒާވް މިވަރަށް މަތިވީ 2020 ވަނަ އަހަރެވެ. އޭރު މިއަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެއަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެއަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެއެވެ.

ބޭނުން ކުރެވޭ ރިޒާވަށްވެސް ހެޔޮ ބަދަލެއް!

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ.

މިދިޔަ އަހަރު ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވުގައި 244.12 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 63.36 މިލިޔަން ޑޮލަރެވެ. މިއީ އަހަރުން އަހަރަށް %285 ކުރިއެރުމެކެވެ.

ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވީ އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ. މިިދިޔަ އަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ޤާނޫނުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ މާރު ކުރަން ޖެހެއެވެ. މި ބަދަލާއެކު ބޭންކުތަކަށް މާރުކުރާ ފައިސާއިން މަރުކަޒީ ބޭންކަށް ވިއްކާއިރު އޭގެ 60 އިންސައްތަ ބޭނުން ކުރަނީ، ރިޒާވް ހަރުދަނާ ކުރުމަށެވެ. މީގެ އިތުރުން، ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑީއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރު ކަރަންސީ ސްވޮޕަކީވެސް ރިޒާވް ހަރުދަނާ ވުމުގެ ސަބަބެއް ކަމަށް އެމްއެމްއޭއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަހަރު ނިމުނުއިރު ރިޒާވަށް ހަރުދަނާކަމެއް އައިސްފައިވީނަމަވެސް، މިއަހަރަކީ ސަރުކާރުން ދަރަނީގެ ގޮތުގައި އެއްފަހަރާ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ އަހަރެވެ. މިއަދަދު ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ މިއަހަރު ބަޖެޓް ކޮށްފައިވާއިރު، ރިޒާވް ރަނގަޅުކޮށް ސަރުކާރުން ސުކޫކް އަނބުރާ ދެއްކުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި އެއްވެސް ދަރަންޏެއް މުއްދަތު ހަމަނުވެ ދެއްކޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.